21 Mar 2018, 08:10
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕުގައި މުވާސަލާތީ ދެކުންފުނި ކަމަށްވާ ދިރާގާއި އުރީދޫން ފެށުން ރަނގަޅުކޮށްފިއެވެ.
މާފަންނު މިނީ ދަނޑުގައި ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕުގައި އިއްޔެ ވަނީ ގްރޫޕު ސްޓޭޖުގެ ފަސް މެޗެއް ކުޅެފައެވެ.
ރޭ ކުޅުނު ގްރޫޕު ޑީގެ މެޗުގައި މޯލްޑިވް ގޭސް އަތުން ދިރާގު މޮޅުވެފައިވަނީ 6-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ދިރާގުން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ ނާއިފް ޝަފީގެވެ. ދިރާގުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ރިފާއުއާއި ފައުޒާން ހަބީބެވެ. މެޗުގައި މޯލްޑިވް ގޭސްއިން ކާމިޔާބުކުރި ދެ ލަނޑުވެސް އެޓީމަށް ޖަހައިދިނީ އަހްމަދު ރަޝީދު (އައްމަޑޭ)އެވެ.
ރޭ ކުޅުނު ގްރޫޕު އީގެ މެޗުގައި ތައުލީމީ ގުޅުން އަތުން އުރީދޫ މޮޅުވެފައިވަނީ ފަސޭހަކަމާއެކު 5-0ގެ ނަތީޖާއަކުންނެވެ. އުރީދޫން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ފާޝިރެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހާފިޒް އަހްމަދެވެ.
ގްރޫޕު ސީގައި ޓީމް އެފްއެސްއެމްއާއި އޭވިއޭޝަން ސެކިއުރިޓީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 4-4ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެފްއެސްއެމްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު މުހައްމަދު ޒިޔާދު ކާމިޔާބުކޮށްދިން އިރު، އަބްދުﷲ ޝަފީއު ހާޝިމާއި ހަސަން ޝާހު ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އޭވިއޭޝަން ސެކިއުރިޓީން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ނާސިހުއެވެ. އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ނަސީފް ހަސަން ސައީދެވެ.
ގްރޫޕު އެފްގައި ރޭ އެމްއެމްއޭ ސޯޝަލް ކްލަބާއި ފެން ކްލަބު ބައްދަލުކުރި މެޗުވެސް ނިމިގެންދިޔައީ 4-4ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގައި އެމްއެމްއޭއިން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު މުހައްމަދު މުސްލިހު ކާމިޔާބުކޮށްދިން އިރު، މުހައްމަދު މޫމިން ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. ފެން ކްލަބުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ބައްސާމާއި އާދަމް ފަހީމް އަދި ހުސައިން އާތިފެވެ. އޭގެ ތެރެއިން ބައްސާމް، ދެ ލަނޑު ކާމިޔާބުކޮށްދިނެވެ.
ކްލަބު މޯލްޑިވްސް ކަޕްގައި މިއަދު ކުޅޭ މެޗުތައް:
(20:15) އެމްޕީއެލް - ސިވިލް ކޯޓް
- (20:15) ސްޓެލްކޯ - މޯލްޑިވިއަން
- (21:30) ހޯމް އެފެއާޒް - ޓީމް މެޑް
- (21:30) އެސްޓީއޯ - ކްލަބު އެމްޓީސީސީ