21 Mar 2018, 18:41
ދިވެހި ބަހާއި ތާރީހާ ގުޅޭ އެކިއެކި ފޮތްތައް ބަހުގެ އެކަޑަމީއިން ގައުމީ ޔުނިވާސީޓީއަށް ފޯރުކޮށްދޭން ނިންމައިފިއެވެ.
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ކަމާގުޅޭ އެއްބަސްވުމުގައި ބަހުގެ އެކަޑަމީގެ ފާރާތުން، އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ސޮއިކުރެއްވިއިރު ގައުމީ ޔުނިވާސީޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ އަލީ ފަވާޒް ޝަރީފެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވައިސް ޗާންސެލަރު ފަވާޒު ވިދާޅުވީ އެއްބަސްވުމުގެ ދަށުން އެމްއެންޔޫގައި ކިޔަވާ ދަރިވަރުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
"ދިވެހި ބަހާ ތާރީހާ ސަގާފަތާ ގުޅުން ހުރި އަދި އެ ބޭފުޅުން (ބަހުގެ އެކަޑަމީން) ތައްޔާރުކުރައްވާފައި ތަކެއްޗާއި އެބޭފުޅުންގެ އަތުގައި މިހާރު ހުރި މައުލޫމާތު ތަކާ އަޅުގަނޑުމެންގެ ލައިބްރަރީ ގުޅިގެން އަޅުގަނޑުމެންގެ ޔުނިވާސިޓީގެ ކޯސްތަކުގައި ބޭނުންކުރުމާ އަދި އަޅުގަނޑުމެންގެ ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ލިބޭނެގޮތް މިހެދެނީ،" ފަވާޒު ވިދާޅުވިއެވެ.

ދިވެހިބަހާއި ތާރީޚާ ގުޅޭ ފޮތްތައް އެކަޑަމީއިން ގައުމީ ޔުނިވާސިޓީއަށް ފޯރުކޮށްދިނުމާ ބެހޭ ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ގައުމީ ޔުނިވާސިޓީ
ފަވާޒު ވިދާޅުވީ އެމްއެންޔޫގެ މަގުސަދަކީ އިލްމު އުފައްދައި އަދި އިލްމު ފަތުރާ ތަނެއްގެ ގޮތުގައި ވެގެން ދިޔުން ކަމަށާއި އެހެންނަމަވެސް އިލްމު އުފެއްދުމުގެ ބައި އެކަށީގެންވާ ވަރަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. ނަމަވެސް ދިވެހި ތާރީހާއި ބަހާ ބެހޭ އެކިއެކި ދިރާސާތަކާ ބެހޭ މަސައްކަތް އެމްއެންޔޫއިން ކޮށްފައިވާ ކަމަށްވެސް ފަވާޒު ވިދާޅުވިއެވެ.
ދިވެހި ބަހުން ލިޔެފައި ހުންނަ އެއްޗެއް ކިޔުމުގެ ޝައުގުވެރިކަން ހުރުމުގެ ފުރުސަތު ދިވެހިންގެ ކިބައިގައި އަށަގެންފައިނުވާ ކަމަށާއި އަދި އެކަމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށްވެސް ފަވާޒު ވިދާޅުވިއެވެ.