ޓެކްނޮލަޖީއަށް އަންނަ ބަދަލާއެކު އެންމެ އަވަހަށް އަޕްޑޭޓު ވާ އެކައްޗަކީ ސްމާޓު ފޯނުތަކެވެ. އަހަރަކު އެތައް ފޯނެއް ނެރޭއިރު އެއް ފޯނު އަނެއް ފޯނާ ވާދައަށް ބޮޑެތި ކުރިއެރުންތައް ގެނައުމަށް މަސައްކަތް ކުރެއެވެ.

ފޯނުގެ ކެމެރާއާއި އެހެނިހެން ސްޕެސިފިކޭޝަންތަކަށް އަންނަ ކުރިއެރުންތަކާއެކު މިފަހަރު މިއޮތީ މެމޮރީ ބޮޑު ފޯނެއްގެ ވާހަކައެވެ. ޗައިނާގެ ވާވޭއިން އަންނަނީ މިހާރު ގެންގުޅޭ ފޯނުތަކުގެ މެމޮރީ އަށްވުރެ އެތައް ގުނައެއް ބޮޑު މެމޮރީ ސައިޒެއްގެ ފޯނެއް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންނެވެ.

ހަބަރުތައް ބުނާގޮތުން 512 ޖީބީގެ ފޯނެއް ބާޒާރަށް ނެރުމަށް ވާވޭއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އާންމުކޮށް މިހާރު ބާޒާރުގައި ހުރި ފޯނުތަކުގެ ސްޓޯރޭޖަށް ބަލާއިރު އެންމެ ބޮޑު ސްޓޯރޭޖަކަށް އުޅެނީ 256 ޖީބީއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ވާވޭއިން 512 ޖީބީ ހިމަނާނީ، އެކުންފުނިން އެންމެ އަވަހަށް ނެރޭ ޕީ20 ފޯނަށް ފަހު ނެރޭ ފޯނެއްގައެވެ. އެއީ ފަހަރެއްގައި ޕީ20 ގެ ޚާއްސަ އެޑިޝަނެއްގެ ފޯނެއްގައި ކަމަށް ވެދާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ސެމްސަންގުންވެސް ދަނީ 512 ޖީބީގެ ފޯނެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ފޯނުގެ ސްޓޯރޭޖު މެމޮރީ ބޮޑުކުރުމަކީ މިހާރު މުހިންމު ކަމެއް ކަމަށާއި ހާއްސަކޮށް 4ކޭ ކޮލެޓީގެ ވީޑިއޯ ނެގޭ ފޯނުތައް ބާޒާރަށް ނެރޭއިރު މިއީ މުހިންމު ކަމެއް ކަމަށް ގިނަ ބަޔަކު ގަބުލުކުރެއެވެ.