26 Mar 2018, 14:14
ރިޔާޒު(މާޗް 26): ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއާއަށް ފޮނުވާލި ހަތް މިސައިލް ވައްޓާލައިފި ކަމަށް ސައުދީން ބުނެފި އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އެއް މިސައިލުގެ އެތިކޮޅަކުން ޖެހި ސައުދީ އަރަބިއާގައި ހުރި މިސްރުގެ މީހަކު ވަނީ މަރުވެފައެވެ. އަދި އެ ހަތް މިސައިލުގެ ތެރެއިން ތިން މިސައިލް އަމާޒުކޮށްފައި ވަނީ ވެރިރަށް ރިޔާޒަށް ކަމަށްވެސް އޮފިޝަލުން ވިދާޅުވި އެވެ.
ސައުދީ އަރަބިއާއިން ތުހުމަތު ކުރާ ގޮތުގައި އީރާނުން ދަނީ ހޫޘީންނަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ. ނަމަވެސް އީރާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެއީ ސައުދީން ޔަމަނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ހޫޘީން ދޭ ހަމަލާތަކެއް ކަމަށް ބުނެފައެވެ.
ހޫޘީން ވަނީ ފަހަކަށް އައިސް ސައުދީ އަރަބިއާއަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލްތަކެއް ފޮނުވާލާފައެވެ. (ބީބީސީ)