މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަޑުއެހުން މިއަދަށް ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފިއެވެ.

ދައުލަތުން ރިޔާޒުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއެވެ. އެމައްސަލައިގެ މިއަދު 13:30 ހަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކުރީ ޕީޖީ އޮފީހުން އެދިގެންކަން ވަނީ އެނގިފައެވެ.

އެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ މާވެޔޮމަގުން އޭނާ ހައްޔަރުކޮށް، ފޯނު ހިފަހައްޓައި ޗެކްކުރުމުން އެއިން ދައުލަތުގެ މުވައްޒަފަކާ ރިޔާޒާ ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ޗެޓްލޮގް ފެނިފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައި ވަނީ ގާނޫނުގައި މަނާކޮށްފައިވާ ގޮތެއްގެމަތިން ސީދާ ނުވަތަ ނުސީދާ ގޮތެއްގައިނަމަވެސް ދައުލަތުގެ މުވައްޒަފަކާ އެކު މުވާސަލާތެއް ހިންގުމަކީ ކުށެއް ކަމަށެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ ރިޔާޒަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ރިޔާޒުގެ މައްޗަށް މީގެ ކުރިން ވަނީ ގާނޫނު ތަންފީޒު ކުރަން ހުރި މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ދައުވާ އުފުލާފައެވެ. ތަހުގީގަށް ރިޔާޒުގެ ފޯނު ހިފެހެއްޓުމުން ޕިން ކޯޑް ދީފައިނުވާތީ އުފިލި އެ ދައުވާ ރިޔާޒުގެ މައްޗަށް ސާބިތެއް ނުވެއެވެ.

ރިޔާޒުގެ މައްޗަށް އަންނަނީ އިތުރު ޝަރީއަތެއް ވެސް ހިންގަމުންނެވެ. އިދިކޮޅަށް ނިސްބަތްވާ 12 މަޖިލިސް މެންބަރުންނާއެކު ރިޔާޒުގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާއެވެ.

މިވަގުތުވެސް ރިޔާޒު ހުންނެވީ ދުރާލާ ރާވައިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މާފުށީ ޖަލުގައި ބަންދުކޮށްފައެވެ.