28 Mar 2018, 14:41
ދަޅުގެ ބަދަލުގައި މަސް ބަލްކުކޮށް ޕެކެޓްގައި ބަންދުކޮށްގެން އެމެރިކާ އަށް އެކްސްޕޯޓް ކުރަން ފަށައިފި އެވެ.
މިފްކޯގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ މިފްކޯގެ އަމާޒަކީ މަސް ޕެކެޓް ނުވަތަ "ޕައުޗް ޕެކެޓް" އެހެން މާކެޓްތަކަށް ވެސް އެކްސްޕޯޓްކުރުން ކަމަށެވެ.
"ވޭތުވެ ދިޔަ ތަނުގައި އަޅުގަނޑުމެން ނެރުނީ މަސްދަޅު. މިހާރު ޕައުޗު ޕެކެޓް މިދަނީ އެމެރިކާ އަށް ބޭރުކުރަމުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ އަޅުގަނޑުމެން ރާއްޖޭގެ މާކެޓަށް ވެސް އެ ނެރޭނަން." އަދްލީ ވިދާޅުވި އެވެ.
ޕައުޗް ޕެކެޓް ރާއްޖެ އަށް ތައާރަފްކުރާ އިރު، އެ ޕެކެޓްތައް ބޮޑަށް އަމާޒުކުރަނީ ރާއްޖޭގެ ހޮޓާ، ރެސްޓޯރަންޓްތަކުގެ އިތުރުން ރިސޯޓްތަކަށް ކަމަށް ވެސް އަދްލީ ވިދާޅުވި އެވެ.
އަދްލީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އަމާޒަކީ ޕައުޗް ޕެކެޓް އެެމެރިކާގެ މާކެޓްގެ އިތުރުން ޗައިނާ އަދި މެދު އިރުމަތީގެ މާކެޓްތަކަށް ނެރުން ކަމަށެވެ.
މިފްކޯ އިން ބޭރުކުރަން ފަށައިފައިވާ ޕައުޗް ޕެކެޓެއްގައި ތިން ކިލޯގްރާމް ހުރެ އެވެ. މީގެ ކުރިން ކިފްކޯ އިން ބޭރުކުރަމުން އައީ 180 ގްރާމާއި އަދި އެއް ކިލޯ ހުންނަ މަސްދަޅުތަކެކެވެ.
އަދްލީ ވިދާޅުވީ ކުރިން މިފްކޯގެ އުފެއްދުންތެރިކަން މަޑުޖެހިގެން އެކްސްޕޯޓްކުރަންވާ ވަރަށް އެކްސްޕޯޓް ނުކުރެވި ބައެއް މާކެޓްތައް ގެއްލިގެން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު 65 މެޓްރިކް ޓަނު އެކްސްޕޯޓްކުރާ ކަމަށާއި އަދި ގެއްލުނު ސްވިޑަން، ގްރީސް އަދި ޖަރުނަމުގެ މާކެޓް އަނބުރާ ހޯދާފައިވާ ކަމަށް އަދްލީ ވިދާޅުވި އެވެ.