29 Mar 2018, 14:41
ވިއެޓްނާމްގައި ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވަލް ފެއާ ވިއެޓްނާމް އިންޓަނޭޝަނަލް ޓްރެވަލް މާޓް (ވީއައިޓީއެމް) 2018 ގައި މޯލްޑިވްސް އެސޯސިއޭޝަން ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވެއްޖެއެވެ،
މަޓާޓޯއިން ބުނީ، މިއަހަރު އެ ފެއާގައި މަޓާޓޯއާއެކު ރާއްޖޭގެ ހަތް ކުންފުންޏަކުން ބައިވެރިވަމުން ދާ ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެ ޓްރެވަލް ފެއާގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.
ވީއައިޓީއެމްއަކީ ދުނިޔޭގެ އެކި ހިސާބުތަކުން ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކުން ބައިވެރިވާ ނެޓްވޯކިން ފޯރަމަކާ އެކުގައި ކުރިއަށްގެންދާ ފެއާއެކެވެ. މިދިޔަ އަހަރުގެ އެ ފެއާއަށް 60،000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައި ވެއެވެ.