ކިއުބެކް (މާޗް 29): ކެނެޑާގެ ކިއުބެކް ސިޓީގެ މިސްކިތެއްގައި މިދިޔަ އަހަރު ހަ މީހަކު މަރާލި ކަމަށް އެލެގްޒެންޑާ ބިސޮނެޓް އިއުތިރާފުވެއްޖެ އެވެ.

އަށާވީސް އަހަރުގެ ބިސޮނެޓް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކިއުބެކުގައި ހުންނަ އިސްލާމިކް ކަލްޗަރަށް ސެންޓަރު ތެރެއަށް ބަޑި ޖެހި ވަގުތު އެމިސްކިތުގައި 50 އަށް ވުރެ ގިނަ މީހުން ތިއްބެވެ. އަދި އެހާދިސާގައި އުމުރުން 39 އަހަރާއި 60 އަހަރާ ދެމެދުގެ ހަ މީހަކު މަރުވެ، 18 މީހަކަށް އަނިޔާވި އެވެ.

އެމައްސަލައިގެ ޝަރީއަތުގައި ބިސޮނެޓް ވަނީ އޭނާ ދިން ހަމަލާގައި މަރުވި މީހުންގެ އާއިލާގެ ފަރާތުން މާފަށް އެދިފަ އެވެ. އަދި އޭނާ ކުށަށް އިއުތިރާފުވީ މައްސަލައިގެ ޝަރީއަތް ދިގު ދައްމަން ބޭނުން ނުވާތީ ކަމަށް ބުނެފަ އެވެ.

އަދި ބިސޮނެޓް ވަނީ އޭނާ އަކީ ޓެރަރިސްޓެއް ނުވަތަ އިސްލާމް ދީނަށް ނަފުރަތު ކުރާ މީހެއް ނޫން ކަމަށާއި އޭނާއަކީ މީގެ ކުރިން އަމިއްލަ އަށް މަރުވުމުގެ ހިޔާލު ގެންގުޅުނު މީހެއް ކަމަށް ބުނެފަ އެވެ.

އެމައްސަލާގައި ބިސޮނެޓްގެ މައްޗަށް 150 އަހަރުގެ ޖަލު ހުކުމެއް ކުރުން އެކަށީގެންވެ އެވެ. (ބީބީސީ)