31 Mar 2018, 00:21
ކުރިއަށް އޮތް ދެ އަހަރަށް ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް، ވައިސް ޗެއާމަނުންނަށް އެ ކްލަބުގެ ކުރީގެ ޗެއާމަން އިބްރީމް ނަޒީމް އަދި ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އިންތިހާބް ކޮށްފިއެވެ.
މިރޭ ބޭއްވި ވިކްޓަރީގެ އަހަރީ އާއްމު ޖަލްސާގައި ކުރިއަށް އޮތް ދެ އަހަރަށް ވިކްޓަރީގެ ބޯޑު އިންތިހާބުކޮށް، މިއަހަރަށް ކަޑައެޅިފައިވާ ބަޖެޓްވެސް ވަނީ ފާސްކޮށްފައެވެ.
ވިކްޓަރީގެ އަހަރީ އާއްމު ޖަލްސާގައި މިރޭ ކްލަބުގެ މެމްބަރުންނާއި ކުޅުންތެރިން ބައިވެރިވެފައިވާ އިރު، ކުރިއަށް އޮތް އަހަރަށް ބަޖެޓް ފާސްކޮށްފައިވަނީ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ކުރިއަށް އޮތް އަހަރުގެ ބަޖެޓް ހުށަހަޅާ ދެއްވަމުން ނިމިދިޔަ ދައުރުގެ ޗެއާމަން ނަޒީމް ވިދާޅުވީ ކުރިއަށް އޮތް އަހަރަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއަކީ 7.3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި، ހަރަދުވާނެ ކަމަށް ބެލެވެނީ 8.7 މިލިއަން ރުފިޔާ ކަމަށެވެ. އަދި މިހާރުގެ ބަޖެޓަކީ ދަރަނީގެ ބަޖެޓެއް ނަމަވެސް މި ދައުރަށް ހަވާލުވި ބޯޑާއެކު ބަޖެޓް ސާޕްލަސް ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ނަޒީމް ވިދާޅުވިއެވެ.

ވިކްޓަރީގެ ބޯޑަށް އަލަށް އިންތިހާބުވި ޗެއާމަނަށް މުހައްމަދު އިސްމާއީލް އިންތިހާބު ކުރެވިފައިވާއިރު، ކުރީގެ ޗެއާމަން ނަޒީމް އިންތިހާބު ވެފައިވަނީ ޓެކްނިކަލް އެންޑް ސްޕޯޓްސްގެ ވައިސް ޗެއާމަނަކަށެވެ. އަލީ އާރިފް އިންތިހާބް ވެފައިވަނީ ފައިނޭންސް އެންޑް މާކެޓިން ވައިސް ޗެއާމަނަކަށެވެ.
ވިކްޓަރީގެ ބޯޑުގެ 13 މަގާމަށް 13 މެމްބަރުން ކުރިމަތިލައިފައިވާ އިރު، ކުރިއަށް ގެންގޮސްފައިވަނީ ފެންނަ ނުފެންނަ ވޯޓަކެވެ. ބޯޑުގެ ހުރިހާ މަގާމަކަށްވެސް މެމްބަރުން އިންތިހާބުވީ މިރޭ ހާޒިރުވި ހުރިހާ މެމްބަރުންގެވެސް އިއްތިފާގުންނެވެ.
ޗެއާމަންގެ އިތުރުން ދެ ވައިސް ޗެއާމަނާއެކު ދެން ބޯޑުގައި ހިމެނެނީ 10 ޑިރެކްޓަރުންނެވެ.
ކުރިއަށް އޮތް ދެ އަހަރަށް އިންތިހާބުވި ވިކްޓަރީގެ ބޯޑު:
ޗެއާމަން - މުހައްމަދު އިސްމާއީލް
ވައިސް ޗެއާމަން (ފިނޭންސް އެންޑް މާކެޓިން) - އަލީ އާރިފް
ވައިސް ޗެއާމަން (ޓެކްނިކަލް އެންޑް ސްޕޯޓްސް) - އިބްރާހީމް ނަޒީމް
ޑިރެކްޓަރު - އަހުމަދު ނަސީރު
ޑިރެކްޓަރު - އިސްމާއީލް ލަތީފު
ޑިރެކްޓަރު - އަހުމަދު ޣާލިބު
ޑިރެކްޓަރު - އަހުމަދު އަރީޝް
ޑިރެކްޓަރު - މުހައްމަދު ހައްސާން ނަސީމް
ޑިރެކްޓަރު - އަހުމަދު އަޔާޒް ރަޝީދު
ޑިރެކްޓަރު - އަހުމަދު ރިޔާޒް
ޑިރެކްޓަރު - އައިޝަތު އަލީފާ
ޑިރެކްޓަރު - މުހައްމަދު ހަމީދު
ޑިރެކްޓަރު - މުހައްމަދު ނާސިމް