އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ޒޯން ފަހެއްގެ ޗެމްޕިއަންކަން ފ. އަތޮޅުގެ ޗެމްޕިއަން، ނިލަންދޫ ހޯދައިފި އެވެ.

ޒޯން ފަހެއްގައި ކުޅުނީ ފ. އަތޮޅުގެ ޗެމްޕިއަން ނިލަންދޫގެ އިތުރުން، ވ. އަތޮޅުގެ ޗެމްޕިއަނުން ފުލިދު އާއި މ. އަތޮޅުގެ ޗެމްޕިއަން މުލި އަދި ދ. އަތޮޅުގެ ޗެމްޕިއަން މީދު އެވެ.

އިއްޔެ ނިލަންދޫ ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ އޮތީ 1-1އިން އެއްވަރު ވެފަ އެވެ. ޕެނެލްޓީ ޖަހައިގެން ނިލަންދޫ މޮޮޅުވީ 4-2ގެ ނަތީޖާއަކުންނެވެ.

ނިލަންދޫ ޓީމާ އެކު ސަޕޯޓަރުން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ކުރީ ކޮޅުގައި ޝަހީމް އަލީގެ ގޯލުން މީދޫ ލީޑު ނަގާފައި ވަނިކޮށް މިލަންދޫން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު މިނެޓުގަ އެވެ. އެ ގޯލް ނިލަންދުއަށް ކާމިޔާބުކޮށްދިނީ އަޒްހާން ހަލީލެވެ.

ނިލަންދުއަށް ޕެނެލްޓީ ކާމިޔާބުކޮށްދިން ކުޅުންތެރިންނަކީ އަބްދުލް ބާސިތު، އަޒްހާން ހަލީލްގެ އިތުރުން އާދިލް އަލީއާއި ހުސައިން ޝާރިފެވެ. މީދުއަށް ޕެނެލްޓީ ކާމިޔާބުކޮށްދިނީ އަބްދުﷲ ޔަޒީދު އަދި އީލާފް އަހުމަދެވެ.

ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި ނިލަންދޫ ވަނީ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރަށް ކޮލިފައިވެފަ އެވެ.

އެފްއޭއެމް އިން ފުޓުބޯޅަ އޮނިގަނޑަށް ގެނައި ބަދަލާ އެކު މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކުޅުނު ޓީމުތަކަށް މި އަހަރުގެ މުބާރާތް ފަށަން ޖެހޭނީ ފައިނަލް ބުރާ ހިސާބުންނެވެ. އެ އަހަރުގެ ފައިނަލް ބުރު ކުޅުނު ޓީމުތަކާއި މި އަހަރުގެ ޒޯން ޗެމްޕިއަނުން ފައިނަލް ބުރުގައި ވާދަކުރާނެ އެވެ.