ހަފްތާ ބަންދަށް ފަހު މިއަދުވެސް ގިނަ ބަޔަކު އޮފީހަށް ދާށާއި އެހެނިހެން ކަންކަމުގައި ތަންތަނަށް ދިއުމަށް ގޭން ނުކުތީ މިހާރު މާލޭގެ މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ އޮއިވަރަށް ވިސްނައިގެންނެވެ. ދުރާލައި އެކަމަށް ތައްޔާރުވެގެންނެވެ. ވަގުތުވެސް ކުރިއަށް ލައިގެންނެވެ. ނަމަވެސް އާންމުކޮށް މާލޭގެ މަގުތަކުން ނުކުރެވޭ ފަދަ އިހްސާސްތަކެއް މިއަދު މަގުތަކުގައި ކުރެވުނުކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

"މިއަދުވެސް އޮފީހަށް ދާން ނުކުތީ އާންމުކޮށް މަގުތަކުގައި މި އޮންނަ ކިޔުތަކަށް ތައްޔާރުވެގެން، ބައިގަޑިއެއްހާއިރު ކުރިން. މިހާ ވަގުތު ލާފައި ނުކުތަސް ގިނަ ދުވަސްދުވަހު ހަމަ ކިރިޔާ ގަޑިއަށް އޮފީހަށް ފޯރާނީ. އެނޫނީ ގަޑި ޖެހިފަ އޮންނަނީ. އެކަމަކު މިއަދު ގާތްގަނޑަކަށް 20 މިނިޓް ކުރިން އޮފީހަށް ދެވުނު،" ވެލާނާ ބިލްޑިންގުގައި ހުންނަ އޮފީހެއްގައި މަސައްކަތްކުރާ ޒުވާނަކު މިއަދު އޭނާއަށް މާލޭގެ މަގުތަކުން ކުރެވުނު ތަޖްރިބާ ކިޔައިދިނެވެ.

މިއީ އެ ޒުވާނާގެ އެކަނި ވާހަކައެއް ނޫނެވެ. މިއަދު ގިނަ ބަޔަކު ދަނީ މިވާހަކަ ދައްކަމުންނެވެ. ޓްރާންސްޕޯޓް އޮތޯރިޓީން އަލަށް އަމަލުކުރާން ފެށި، މާލޭގެ މަގުތަކުގައި މުދާއުފުލުމާ ގުޅޭ ގަވާއިދާއެކު މަގުތަކަށް ލުއިފަސޭހަކަން ލިބުނު ވާހަކައެވެ.

1 އޭޕްރިލް 2018: ހެނދުނު 10:30 ކަންހާއިރު، ބުރުޒު މަގާއި ކަށިމާހިނގުން ގުޅުނު ކަންމަތި. މިއަދު މާލޭގެ ގިނަ މަގުތަކުން ފެނުނީ މިފަދަ މަންޒަރުތަކެއް-- ސަން ފޮޓޯ: ސިނާން

އާންމު ގޮތެއްގައި މާލޭގެ މަގުތައް ހަލަބޮލިވާން ފަށާނީ ހެނދުނު 6:45 ކަންހާއިރުން ފެށިގެންނެވެ. އެއީ ސްކޫލްތަކަށް ކުދިން ދާންފަށާ ގަޑިއެވެ. ހަމަ އެހެންމެ، ހެނދުނު ހެނދުނާ ހުޅުވާ ރީޓެއިލް ފިހާރަތަކަށް، ކާޑާއި ފެނާއި އަދި އެނޫންވެސް ބައެއް މުދަލުގެ ބާވަތްތައް އުފުލަން ފަށާގަޑިއެވެ. ނަމަވެސް މިއަދު މަންޒަރު ފެނުނީ މުޅިން ތަފާތުކޮށެވެ. މަގުތައް ފެނުނީ އަމާންކޮށެވެ.

"މިއަދު ދުއްވާލަން ވަރަށް ފަސޭހަ. ސްކޫލްގަޑީގައި ކުދިން ގެންދިޔައިރުވެސް ހަމަ އެނގުންވި. އަދި ހެނދުނު އޮފީހަށް ގޮސް، މެންދުރު ބްރޭކަށް އައި ގަޑީގައިވެސް ވަރަށް ފަސޭހަ. މިގޮތަށް މިކަން ކުރަންވީތާ ކިތަންމެ ދުވަހެއް،" ސަރުކާރު އޮފީހެއްގައި ވަޒީފާ އަދާކުރާ، އަދި ވަކި ގަޑިތަކެއްގައި މާލޭގެ އެންމެ ކާރޫބާރު ބޮޑު އެއް ސަރަހައްދުގައި ހުންނަ، އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލަށް ދަރިން ކިޔަވަން ފޮނުވާ ހަތަރު ކުދިންގެ ބައްޕައަކު ބުންޏެވެ.

މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީއާއި، ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި، އާންމު ރައްޔިތުން މަގުތައް ބޭނުންކުރުމުގައި ދަތިވަމުންދާތީ ވިޔަފާރި މުދާ އުފުލޭނެ ޚާއްސަ ގަޑިތަކެއް ޓްރާންސްޕޯޓް އޮތީރިޓީން ވަނީ ކަނޑައަޅައިފައެވެ. އެ ގަވައިދު ފުރަތަމަ އިއުލާނުކުރުމާއެކު އާންމުންނާއި ވިޔަފާރިވެރީންގެ ކަންބޮޑުވުންތައް ބަންޑުން ޖަހާލިއެވެ.

ފުރަތަމަ ކުރި އިއުލާނުގައި، ވިޔަފާރި މުދާ އުފުލޭނެ ގަޑިއެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅީ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށެވެ. ނަމަވެސް އާންމު ފަރާތްތަކާއި ވިޔަފާރިވެރީންގެ ކަންބޮޑުވުންތަކާއެކު ފަހުން ވަނީ، އެ ގަވައިދަށް އިސްލާހު ގެނެސްފައެވެ.

ކަމާގުޅޭ ފަރާތްތަކުން ބޭނުންވީ، އާންމު ރައްޔިތުންނާއި ވިޔަފާރިވެރީންގެ ކަންބޮޑުވުންވެސް އަޑުއަހާށެވެ. އެގޮތުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ވަނީ މުދާ އުފުލުމާ ބެހޭގޮތުން ޓްރާންސްޕޯޓު އޮޓޯރިޓީން އެކުލަވާލި ގަވައިދާ ބެހޭގޮތުން ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ. އަދި ފަހުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ގަޑިތަކަށް ބަދަލުގެނެސްފައެވެ.

މިހާރު މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް، ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެނޫންވެސް އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނީ ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު ވަގުތެއްގައެވެ.

ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް އުފުލޭނެ ގަޑިއެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވަނީ ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ.

ގަވައިދަށް ގެނައި ބަދަލާއެކު، މަގުތަކަށް އެނގުންވިކަން އިހްސާސްވީ، ހަމައެކަނި އޮފީސްތަކަށް ދާ މީހުންނަކަށް ނޫނެވެ. އަދި ހަމައެކަނި ސްކޫލްތަކަށް ދާ ކުދިންނަކަށް ވެސް ނޫނެވެ. އެނޫން ބޭނުންތަކުގައިވެސް މަގުތަކަށް ނުކުންނަ ފަރާތްތަކުން ވަނީ، މަގުތައް ކޮންމެވެސް ވަރަކަށް އަމާންވިކަމުގެ އިހްސާސްވާ ކަމަށް ބުނެފައެވެ.

"އާންމުކޮށް، ދުވާލުގެ ހަމަ ކޮންމެ ގަޑިއެއްގައިވެސް، މިހާރަކަށް އައިސް މަޖީދީމަގުގެ ވަކި ހިސާބަކުން ދުއްވާލުމަކީ ބޮޑު ތަކްލީފެއް. ޚާއްސަކޮށް، ޗާންދަނީ މަގުން ފެށިގެން އަލިކިލެގެފާނު މަގާ ދެމެދު، އަދި މާވެޔޮމަގާ މަޖީދީ މަގާ ގުޅޭ ސަރަހައްދު. އެކަމަކު މިއަދު ވަރަށް ބޮޑަށް މި ސަރަހައްދުތަކުގައި ވެސް ހިނގާބިނގާވެ އުޅުމަށާއި ދުއްވުމަށްވެސް ފަސޭހަކަން ފާހަގަކޮށްލަން،" މަގުމަތިން ދިމާވި ރައްޓެއްސަކު ބުންޏެވެ.

1 އޭޕްރިލް 2018: ހެނދުނު 10:30 ކަންހާއިރު، ބުރުޒު މަގާއި ކަށިމާހިނގުން ގުޅުނު ކަންމަތި. މިއަދު މާލޭގެ ގިނަ މަގުތަކުން ފެނުނީ މިފަދަ މަންޒަރުތަކެއް-- ސަން ފޮޓޯ: ސިނާން

ހަމަ ހަގީގަތުގައިވެސް އަލަށް ގެނެވުނު ބަދަލާއެކު މަގުތަކަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިއްޖެއެވެ. އިރުއިރުކޮޅާ، ކުއްލިކުއްލިއަށް ބުރަކި ނުޖައްސައި ސައިކަލާއި ކާރުވެސް ދުއްވާލެވޭ ވަރު ވެއްޖެއެވެ. އިރުއެރުމާއި އިރު އޮއްސުމާ ދެމެދު، ފިހާރަތައް ހުންނަ ސަރަހައްދުގައި ދުވާރުމައްޗަށް ފުނިޖަހާފައި ހުންނަ މުދާތައް މަދުވެއްޖެއެވެ. ދުވާރުމަތިންވެސް ހިނގާފައިދާ މީހުންނަށް އެކަމުގެ ލުއި އިހްސާސް ކުރެވިއްޖެއެވެ.

އެހެން ނަމަވެސް މިއާއެކު ބައެއް ވިޔަފާރިވެރީން "ރަތަށް" އެރިކަމުގެ އަޑުތައް ފެތުރިއްޖެއެވެ. އެގޮތުން މީގެ އަސަރު މުދަލުގެ އަގަށާއި، އަދި އެނޫންވެސް ޚިދުމަތްތަކަށް ކުރާނޭކަމުގެ އިންޒާރުވެސް ލިބެން ފެށީއެވެ. މީގެ އިތުރުން މަޖޫރީން އިހްތިޖާޖުކުރާ މަންޒަރުވެސް ފެނުނެވެ. ދެން ވިސްނަން ޖެހޭނީ އިތުރު ހައްލުތަކަށެވެ.

"އަހަރެން ސަރުކާރުގެ މި ނިންމުމަށް ހަމަ ސެލިއުޓްކުރަން. އަދިވެސް ކުރެވޭނެ ބައިވަރު ކަންކަން އެބަހުރި. ނަމަވެސް މިއަދު މަގުތަކުން ފެންނަންފެށި މި އަމާންކަން، ބައެއްގެ ނުފޫޒުން ގެއްލުވާލައިފި ނަމަ، މި ވެގެންދާނީ ވަރަށް ބޮޑު ވެއްޓުމަކަށް،" މި ގަވައިދަށް ކިހާ ދުވަހަކު އަމަލުކުރާނެތޯ ސުވާލު އުފައްދަމުން މީހަކު ބުންޏެވެ.

"ބައެއް ވިޔަފާރިވެރިންގެ އެފަދަ އިންޒާރުތަކަށް، ކަމާބެހޭ މުއައްސަސާތަކުން އެނބުރިއްޖެ ނަމަ އަނެއްކާވެސް އޭގެ ގެއްލުން އެތަކެއް ހާސް ރައްޔިތުން ތަހައްމަލުކުރަން ޖެހޭނެކަން ވިސްނަންވީ،"

"ދެން އެންމެ އަވަހަށް އެކުލަވާލައި އަމަލުކުރަންވީ ގަވައިދަކީ މާލޭގައި ދުއްވާ އުޅަނދުތަކަށް ހައްލެއް ގެނެވޭނޭ ގަވައިދެއް. އަދި މީގެ އިތުރުން ސްކޫލްތައްވެސް އެބަޖެހޭ، ހަވީރު 6:00ގެ ފަހުން ދަރިވަރުން ނުގެންގޮސް ވާނޭ ގޮތަކަށް ހަދަން. އޭރުން މި އަމަލުކުރާން ފެށި ގަވައިދުގެ ހަގީގީ ފަސޭހަތައް ފެންނާނީ."

މިފަދަ ކޮންމެ ބަދަލަކާއެކުވެސް ކަންބޮޑުވުންތައް ހުންނާނެއެވެ. އެންމެން އެދޭގޮތަށް ހުރިހާކަމެއް ނުވާނެއެވެ. ނަމަވެސް ގަވާއިދުތައް އެކުލަވާލައި، ކަންކަން ބަލަހައްޓާ ފަރާތްތަކުން ބަލަން ޖެހޭނީ، މަދުބައެއްގެ ފައިދާއަށް ވުރެ މުޅި މުޖްތަމައުގެ ފައިދާއަށެވެ.

އެނގޭ ކަމަކީ، މިއަދު މާލޭގެ މަގުތަކުގެ ޓްރެފިކަށް، މިއިން ދުވަހަކު ނުލިބޭވަރުގެ ލުޔެއް ލިބިއްޖެކަމެވެ. އެތައް ބައެއްގެ ދުލުން މިއަދު މިކަމަށް ތައުރީފުކުރާކަމެވެ. ޚާއްސަކޮށް މިކަން އެންމެ ބޮޑަށް އިހްސާސްކޮށްލެވުނީ، އިރުއޮއްސި 6:00 ހިނގުމާއެކު ކުރިން ފެންނަ ތޮއްޖެހުމުގެ މަންޒަރު ފެނި އޭގެ ތަޖްރިބާކުރަން ޖެހުމުންނެވެ.