02 Apr 2018, 09:27
ކާމިޔާބު ޑައިރެކްޓަރު، ޕްރޮޑިއުސަރު، މަހޭޝް ބަޓްގެ ފިލްމު 'އާޝިގީ 3'ގައި އާލިއާ ބަޓް އާއެކު ލީޑު ރޯލުން ފެނިގެން ދާނީ ވަރުން ދަވަން ކަމަށް ޚަބަރުތައް ބުނެފި އެވެ.
ކުރިން އެ ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހަމަޖައްސާފައި ވަނީ އާލިއާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ސިދާތު މަލޯތުރާ އެވެ.
އެހެން ނަމަވެސް ފަހުގެ ރިޕޯޓުތައް ބުނާގޮތުން، މިހާރު އެ ފިލްމަށް ވަރުން ވަނީ ސޮއިކޮށްފަ އެވެ. ވަރުން އާއި އާލިއާ ވަނީ މީގެ ކުރިން ކާމިޔާބު ތިން ފިލްމެއްގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.
އެއީ 'ސްޓޫޑެންޓް އޮފް ދަ އިޔާ'، 'ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިއާ' އަދި 'ބަދްރީނާތު ކީ ދުލްހަނިއާ' އެވެ.
އާލިއާ އާއި ވަރުންގެ އޮންސްކްރީން ކެމިސްޓްރީ ވަރަށް ފުރިހަމަ އެވެ. އަދި 'އާޝިގީ 3' އަށް ދެ މީހުން ހަމަޖެއްސީ ވެސް އެހެންވެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެހެންކަމަށްވާ ނަމަ، ކައިރި މުސްތަގުބަލެއްގައި 'އާޝިގީ 3'ގެ މަސައްކަތް ފެށޭނެ ކަމަކަށް ނުބެލެވެ އެވެ. އެއީ ވަރުން އާއި އާލިއާ ވެސް މިހާރު ވަރަށް ބުރަކޮށް އުޅޭތީ އެވެ.
އާލިއާ 'ގަލި ބޯއީ' އަދި 'ބްރަހްމަޝްތުރާ'ގެ ޝޫޓިންގައި އުޅޭ އިރު، ވަރުން ކުރަމުން އަންނަނީ 'ސޫއީ ދާގާ' ގެ މަސައްކަތެވެ.
'އާޝިގީ' ސީރިޒް އަކީ ބޮލީވުޑް ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ފިލްމު ސީރީޒް އެކެވެ. ސީރީޒްގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 1990 ވަނަ އަހަރު އެވެ. ފިލްމުން ފެނިގެން ދިޔައީ ރާހުލް ރޯއި އަދި އަނޫ އަގަރްވާލް އެވެ.
ފިލްމުގެ ދެވަނަ ބައެއް ބެލުންތެރިންނާ ހަމައަށް އައީ އޭގެ 23 އަހަރު ފަހުން 2013 ވަނަ އަހަރު އެވެ. ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެން ދިޔައީ އަދިއްތުޔަ ރޯއީ ކަޕޫރު އަދި ޝްރައްދާ ކަޕޫރު އެވެ.
އެ ދެ ފިލްމަކީ ވެސް ބޮލީވުޑް ބޮކްސްއޮފީހުގައި ކާމިޔާބު ދެ ފިލްމެވެ.