02 Apr 2018, 08:59
ލިވަޕޫލްގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިންގެ ހަލުވި އެޓޭކްތައް ހުއްޓުވުމަކީ ނާދިރު ކަމެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ލިވަޕޫލާއި ދެކޮޅަށް ސިޓީ ނުކުންނާނީ އަންނަ ބުދަ ދުވަހުގެ ރޭގައެވެ.
މެޗާ ގުޅިގެން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ލިވަޕޫލްގެ ފޯވަޑް ލައިނަކީ މިސްރުގެ ތަރި، މުހައްމަދުު ސަލާހް އެކަނި ނޫން ކަމަށާއި، އެޓީމުގެ ކުރިއަށް ކުޅޭ އަނެއް ދެ ކުޅުންތެރިންނަކީވެސް ނުރައްކާތެރި ކުޅުންތެރިން ކަމަށެވެ.
"ސަލާހް އެކަންޏެއް ނޫން. މާނޭއާ ފިރްމީނޯވެސް. އެ ތިން ކުޅުންތެރިންގެ އެޓޭކް ހުއްޓުވުމަކީ ނާދިރު ކަމެއް،" ގާޑިއޯލާ ބުންޏެވެ.
އިނގިރޭސި ލީގުގެ ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑަކާއެކު އޮތް ސިޓީ، ލީގުގައި ބަލިވީ ހަމައެކަނި ލިވަޕޫލް އަތުންނެވެ. އެ މެޗު 4-3ގެ ނަތީޖާއަކުން ނިމިފައިވާ އިރު، ލިވަޕޫލްގެ ފަރާތުން ގިނަ އެޓޭކްތަކެއް ފެނިފައިވެއެވެ.
ގާޑިއޯލާ ބުނީ ލިވަޕޫލާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި، ހާއްސަކޮށް ލިވަޕޫލް ދަނޑުގައި ކުޅުމަކީ ކުޅުންތެރިންނަށް ވަރަށް ބޮޑު ޗެލެންޖަކަށް ވާ ކަމަށެވެ.
"ލިވަޕޫލްގެ ދަނޑުގެ މާހައުލަކީ ވަރަށް ބޮޑަށް ކުޅުންތެރިންނަށް އަސަރުކުރާ ސަބަބެއް. ލިވަޕޫލާ ދެކޮޅަށް ލީގުގައި ނުކުތް މެޗުގައިވެސް ކުޅުންތެރިންނަށް އެންމެ ދަތިވީ ލިވަޕޫލް ސަޕޯޓަރުންގެ ސަޕޯޓް،" ގާޑިއޯ ފާހަގަކުރިއެވެ.
ގާޑިއޯލާ ބުނީ ލިވަޕޫލްގެ ކުޅުމަކީ ހަލުވި، ކައުންޓާ އެޓޭކިން ކުޅުމެއް ކަމަށާއި، އެކަން ހުއްޓުވުމަކީ ސިޓީއަށް މި ސީޒަންގައި ކުރިމަތިވި އެންމެ ބޮޑު އެއް ޗެލެންޖު ކަމަށެވެ. އެހެން ނަމަވެސް މިފަހަރު ނުކުންނަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލެއްގައި ކަމަށާއި، ސިޓީގެ ކުޅުންތެރިންވެސް އެކަމަށް ވިސްނާނެ ކަމަށް ގާޑިއޯ ބުންޏެވެ.
ލިވަޕޫލްގެ އެޓޭކް ލައިން މި ސީޒަންގައި ވަރުގަދަކޮށް ފެންނަ އިރު، އެޓީމުގެ އެންމެ ނުރައްކާތެރި ކުޅުންތެރިއަކީ ފޯވަޑް ސަލާހެވެ. އޭނާވަނީ ސީޒަންގައި ކުޅުނު 41 މެޗުން 37 ގޯލް ޖަހައިފައެވެ.