02 Apr 2018, 09:19
ރާއްޖޭގައި ހިންގާ އެންމެދުވަސްވީ ސިނަމާ އޮލިމްޕަސް ހިންގުމާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހަވާލުވެއްޖެއެވެ.
ޕީއެސްއެމް އިން ރޭ ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނިން އޮލިމްޕަސް ހިންގުމާ ހަވާލުވަނީ މި ސަރުކާރުގެ ޒުވާނުންގެ އެޖެންޑާ ހާސިލްކުރުމަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިނުމަށް ކަމަށެވެ.
"ބައިނަލް އަގުވާމީ ފަރާތްތަކާއި ދިވެހި ފަންނާނުން ތަމްރީނުކުރަން. މުނިފޫހި ފިލުވުމުގެ ދާއިރާއަށް ކުރިން ނުލިބޭފަދަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން،" އެ ކުންފުނީގެ ޓްވީޓުގައި ބުނެފައިވެއެވެ.
ޕީއެސްއެމް އިން އޮލިމްޕަސް ހިންގާނީ ކިހިނެއްކަމެއް، އަދި ހިންގަން ނިންމާފައިވަނީ ސީދާ ކޮން ހަރަކާތްތަކެއް ކަމެއް އެ ކުންފުނިން ބުނެފައެެއް ނުވެއެވެ.
މީގެ ކުރިން އޮލިމްޕަސް ހިންގީ ނެޝަނަލް ސެންޓާ ފޯ ދި އާޓްސް އިންނެވެ. އެތަނުގައި ސްކޫލްތަކުގެ ކޮންސެޓުތަކާއި ލަވަ މުބާރާތްތައް ކުރިއަށް ގެނގޮސްފައިވެއެވެ. މީގެ އިތުރުން ދިވެހި ފިލްމީ ދާއިރާގައި އުފައްދާ ފިލްމުތައް ސްކްރީން ކުރަނީވެސް އޮލިމްޕަހުގައެވެ.