ސެން ހޯސޭ (އޭޕްރިލް 2): ކޮސްޓަ ރީކާގައި އިއްޔެ ބޭއްވީ ރިޔާސީ އިންތިހާބު އެގައުމުގެ ވެރިކަން ކުރާ ސިޓިޒެންސް އެކްޝަން ޕާޓީ (ޕީއޭސީ)ގެ ކެނޑިޑޭޓު، ކާލޯސް އަލްވަރާޑޯ ކާމިޔާބު ކުރައްވައިފި އެވެ.

ކޮސްޓަ ރީކާގެ އިލެކްޓޯރަލް ކައުންސިލުން ރިޔާސީ އިންތިހާބުގެ ނަތީޖާ ހާމަކޮށްފައި ވަނީ އެގައުމުގައި ވޯޓުލާން ހަދާފައިވާ ސްޓޭޝަންތަކުގެ ތެރެއިން 91 ޕަސެންޓު ސްޓޭޝަނުގެ ނަތީޖާ ލިބުމުންނެވެ.

އެކައުންސިލުން ބުނި ގޮތުގައި މިހާތަނަށް ގުނާފައިވާ ވޯޓުތަކުގެ ތެރެއިން 60 ޕަސެންޓު ވޯޓު އަލްވަރާޑޯ ކާމިޔާބު ކުރައްވާފައިވާ އިރު އޭނާއާ ވާދަ ކުރެއްވި ފެބްރީސިއޯ އަލްވަރާޑޯ އަށް ލިބުނީ 39 ޕަސެންޓު ވޯޓެވެ.

އެއިންތިހާބުގެ ފުރަތަމަ ރައުންޑު ބޭއްވީ ފެބްރުއަރީ މަހުގަ އެވެ. އަދި އެރައުންޑުގައި ކުރި ހޯއްދެވީ ފެބްރީސިއޯ އަލްވަރާޑޯ ކަމަށްވީ ނަމަވެސް އެއް ބުރުން އިންތިހާބު ކާމިޔާބު ކުރާ ވަރަށް އޭނާއަށް ވޯޓު ނުލިބެ އެވެ. (ބީބީސީ)