މާލޭ ހުޅަނގުފަރާތު ރަސްފަންނުގައި ތަރައްގީކޮށްފައިވާ ބީޗް ޕެވީލިއަންގައި ގާއިމް ކުރުމަށް ނިންމި ފަހާނާ ބަރި އާއި ބޭބީ ކެއާ ފެސިލިޓީ ރަސްފަންނުގެ އެހެން ސަރަހައްދެއްގައި ގާއިމްކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަސްފަންނު ޕެވީލިއަންގައި ގާއިމްކުރި ގްލޯރިއާ ޖީންސް ކޮފީ ޝޮޕް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ޕަބްލިކް ފާޚާނާ އާއި ބޭބީ ކެއާ ސަރަހައްދު ރަސްފަންނުގެ އެހެން ދިމާލެއްގައި ގާއިމްކޮށްދޭނެ ކަމަށް ޕެވީލިއަން ތަރައްގީކުރަން ހަވާލުކޮށްފައިިވާ އެމްޑަބްލިއުއެސްސީ އިން ބުނެފައިވާ ކަމަށެވެ.

"މި ކޮންސެޕްޓުގެ ތެރޭގައި ހިމެނޭ އެއްބައި ކީއްވެތޯ ނެތީ ވަރަށް ގިނަ ބޭފޫޅުން ސުވާލު އުފައްދާނެ. އެކަމަކީ މި ރަސްފަންނުގަ މޫދަށް އެރި އުޅޭ ފަރާތްތަކާއި ކުޑަކުދިންނާއި އާއިލާތަކަށް ބޭނުންވާނެ އެކިކަހަލަ ފެސިލިޓީސްތަކަށް ބޭނުންވާނެ ޖާގަ އޮރިޖިނަލް ކޮންސެޕްޓުގައި އޮންނާނެ. މިތަނުގެ އެގްރިމެންޓުގައި އޮންނާނެ އެ ފެސިލިޓީސްތައް ގާއިމްކޮށްދޭން ޖެހޭނެ ކަމަށް،"

މިނިސްޓަރު ވިދާޅުވީ ޕެވީލިއަންއަށް އިންޓަނޭޝަނަލް ބޮޑެތި ފްރެންޗައިޒްތައް ގެންނަން އެމްޑަބްލިއުއެސްސީ އިން ބެނުންވާތީ އެކަމާ ހައުސިން މިނިސްޓްރީ އާއެކު މަޝްވަރާކުރި ކަމަށެވެ.

ރަސްފަންނުގައި ޕެވީލިއަން ގާއިމްކުރީ އެ ސަރަހައްދަށް ދާ މީހުންނަށް ކައިބޮއި ހެދޭނެ ވަސީލަތްތައް ގާއިމްކުުރުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިންޓަނޭޝަނަލް ފްރެންޗައިޒްތައް ގެންނައިރު އިމާރާތުގައި އެހެން ތަންތަން ގާއިމް ކުރުމަކީ ސްޓޭންޑާޑަށް ނުފެތޭނެ ކަމަކަށްވާތީ ޕްލޭނަށް ބަދަލު ގެނައީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ފާޚާނާ ބަރި އާއި ބޭބީކެއާ ފެސިލިޓީ ގާއިމްކުރާނީ އައިޖީއެމްއެޗާ ދިމާއިން ހޮޅުއަށި ހުރި ދިމާލުގައި ޖާގަ ހެދުމަށްފަހު ކަމަށާއި އެތަން ގާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މީގެ ތިން އަހަރު ކުރިން ރަސްފަންނު އޮތް ސަރަހައްދަކީ އެއްވެސް ކަހަލަ ދިރުމެއް ނެތް ސަރަހައްދެއް ކަމަށެވެ. ނަމަވެސް މާލޭގެ ރައްޔިތުންނަށް ހިތްގައިމު މާހައުލަކަށް އެ ސަރަހައްދު ބަދަލުކުރީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.