04 Apr 2018, 14:30
ރާއްޖޭގައި އެމްބީބީއެސް ހަދާ ފަރާތްތަކަށް ހުޅުވާލާފައިވާ ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޑިޕާޓްމެންޓު އޮފް ހަޔާ އެޑިއުކޭޝަނުން ކުރި އިއުލާނެއްގައި ބުނީ ރާއްޖެއަށް ކަނޑައަޅާ އިއުލާންކުރި 50 އެމްބީބީއެސް ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު މިމަހުގެ 15 އަށް އިތުރު ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި އެމްބީބީއެސް ހަދަން 50 ފުރުސަތު ހުޅުވާލާނެ ކަމަށް ގައުމީ ޔުނިވާސިޓީ އިންވެސް ވަނީ ބުނެފައެވެ. މި ކޯސްތައް ޖުލައި މަހު ފަށާނެއެވެ.
ރާއްޖޭގައި މެޑިކަލް ސްކޫލެއް ގާއިމްކޮށް އަލަށް މެޑިކަލް ޑޮކްޓަރުން ތަމްރީނު ކުރާއިރު މެޑިކަލް ސްކޫލު ގައިމުކުރަނީ ޕާކިސްތާނުގެ އެހީގައެވެ.
މީގެ އިތުރުން ރާއްޖޭގައި މިހާރު ޕައިލެޓް ލައިސަންސް ފުރިހަމަކުރަމުންދާ ފަރާތްތަކަށް ހުޅުވާލި 10 ފުރުސަތަށް ކުރިމަތިލުމުގެ ޝަރުތު އިސްލާހުކޮށް މި ފުރުސަތުތަކަށް އެދުން ވެސް މިމަހުގެ 15އަށް ވަނީ އިތުރުކޮށްފައެވެ.
އިސްލާހު ކުރި ޝަރުތުގައި ބުނެފައިވަނީ ދަށު ސާނަވީ ފުރިހަމަކޮށްފައިވާ ފަރާތްތަށް ޕޮއިންޓު ދޭނީ ފުރިހަމަކޮށްފައިވާ އޭލަވަލް، ޑިޕްލޮމާ، ފައުންޑޭޝަން، އޯލަވަލް އަދި އެފެންވަރުގެ ފާސްތަކަށް ކަމަށެވެ.