05 Apr 2018, 17:52
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާ ފަސިންޖަރ ޓާމިނަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފިއެވެ.
އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ސަން އަށް ވިދާޅުވީ، މިހާރު ދަނީ މޮބިލައިޒޭޝަންގެ މަސައްކަތް ކަމަށެވެ. "ސައިޓް ކްލިޔާ ކޮށް ނިިފަ މިހާރު އޮތީ،" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ އެތަނުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
ފަސް މިލިއަން ޕަސިންޖަރުންނަށް ޚިދުމަތް ދިނުމަށްޓަކައި ތަރައްގީ ކުރާ މި އާ ޓާމިނަލް އަކީ 78،000 މީޓަރުގެ ބޮޑު ސަރަހައްދެއްގައި ތަރައްގީ ކުރާ ޓާމިނަލެކެވެ. އެ ޓާމިނަލްގައި 40 ޕެސެންޖަރ ކައުޓަރާއި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެ އެވެ.
އަދި ޒަމާނީ ފެންވަރަށް ހަދައި ހިޔާ ކޮށްފައިވާ 12 ޖެޓީއާއި ހަ އެއިރޯ ބްރިޖްގެ އިތުރުން ފިއުލް ހައިޑްޓްރެންޓް ސިސްޓަމަކާއި ހައި އެކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމެއް ގާއިމް ކުރާނެ އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާއެވެ.