08 Apr 2018, 00:46
ރާއްޖެއިން ބޭރުން ގެންނަ މުދާ ކްލިއާކޮށް ވިޔަފާރިވެރިންނާ ހަމައަށް ގެނެސްދިނުމަށް މަޖޫރީން އެކި އަގުތައް ކިޔުމުގެ ސަބަބުން ވިޔަފާރިވެރިންނަށް އެކަމުގެ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާކުރި ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މުދާ ކްލިއާކުރުމަށް މަޖޫރީން ކިޔާ އަގު ރެގިއުލޭޓް ނުކޮށްއޮތް އިރު އެކި އަގުތައް ކިއުމުގެ ސަބަބުން އެކަމުގެ ދަތިކަން ވިޔަފާރިވެރިންނަށް ކުރުމަތިވި ކަމަށާއި މިހާރު އެ މައްސަލައަށް ހައްލު ހޯދިފައިވާ ކަމަށެވެ. އަދި އަގުތައް ރެގިއުލޭޓްކޮށްފައިވަނީ މަޖޫރީންގެ އިތުރުން މަޝްވަރާކުރަންޖެހޭ ހުރިހާ ފަރާތްތަކާ ވެސް މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ސައީދު ވިދާޅުވިއެވެ.
" ...މަޖޫރީން ކިޔާ އަގުތައް އެއަށް އެބަޖެހޭ ޑިޕެންޑަވާން. އަޅުގަނޑުމެން ވާހަކަ ދެއްކިން މިހުރިހާ ކުންފުނިތަކާ. އެބޭފުޅުންނަށް ދިމާވާ އެންމެބޮޑު ދައްޗަކީ އެ އިރެއްގަ އެމީހުން ބޭނުން އަގުތަކެއް ކިޔާތީ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މަޖޫރީންގެ އަގުތައް ރެގިއުލޭޓް ކުރުމުގެ ސަބަބުން އެކަމުގެ ފައިދާ ކުރާނީ ހަމައެކަނި ވިޔަފާރިވެރިންނަށް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ޝައްކުތައް ފިލައި މަޖޫރީންނަށް ވެސް ފައިދާ ކުރަމުންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
"ހުރިހާ ފަރާތްތަކަށް ވެސް ޔަގީންވެ ކަށަވަރުވެގެން ދޭ ޕަބްލިޝްޑް ނުވަތަ އިއުލާންކުރެވިފައިހުރި ރޭޓްތަކެއް ހުންނާނެ. އެހެންވީމަ ހުރިހާ މީހުނަށް ވެސް އިނގޭނެ މިއޭ މިކަން ކުރެވޭނެ އަގުތަކަކީ،" މިނިސްޓަރު ވިދާޅުވިއެވެ.
ދުވާލު ގަނޑީގައި މުދާ ނުނެރުވޭ ގޮތަށް ގަވާއިދު ހެދި ނަމަވެސް އެކަމުގެ ސަބަބުން އެމްޕީއެލް އިން ކްލިއާ ކުރާ ކޮންޓެއިނަރުގެ އަދަދު މަދުވެގެން ގޮސްފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވުއެވެ. ވިޔަފާރި ރަނގަޅު ދުވަހެއް ނަމަ 290 އާއި 270 ދެމެދު އެވެރަޖެކޮށް ކޮންޓެއިނާ ކްލިއާ ކުރާ އިރު ގަވާއިދު ހެދިފަހުން އެވަރެޖްކޮށް ކޮންމެ ދުވަހަކުވެސް 250 ކޮންޓެއިނަރު ކްލިއާ ކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
"ރޭގަނޑު 11 ޖެހުމުގެ ކުރިން 250 ކޮންޓެއިނަރު އެބަ ކްލިއާ ކުރޭ. އަދި މިއުޅެނީ މި ގަވާއިދަށް ރަނގަޅަށް ފަރިތަނުވެގެން. އުޅޭއިރުގެ ހާލަތު އަޅުގަނޑު މިދެންނެވީ. އެހެންވީމަ ކޮބައިތޯ މީގެން ނުކުރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަންވީ ސަބަބަކީ،" ސައީދު ވިދާޅުވިއެވެ.