10 Apr 2018, 23:07
މިއަހަރުގެ ރަމަޟާންމަހު މިސްކިތްތަކުގައި ހިފްޒުކޮށް އިމާމުވެ ތަރާވީހް ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން އިސްލާމް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެކަމަށް އެދޭ މީހުން، އެކަމަށް ކަނޑައެޅިފައިވާ ފޯމް ފުރިހަމަކޮށް މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އަދި ރަށު ކައުންސިލެއްގެ މިސްކިތެއްގައި ތަރާވީހު ނަމާދު ކުރާނަމަ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ މާލެ ސިޓީ ފިޔަވާ އެހެން ސިޓީއެއްގެ މިސްކިތެއްގައި ތަރާވީހް ނަމާދު ކުރާނަމަ އެ ރަށެއްގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށް ހުށަހެޅުމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ދިވެހި ހާފިޒުންނަށް އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާނަމަ ކޮންމެ ރެޔަކަށް 400 ރުފިޔާ ދެވޭނެ ކަމަށާއި އެގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދެ އިމާމުންނަށް ކަމަށެވެ.
އެ އެލަވެންސް ހޯދުމަށް އެދި އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ.