ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައިވެސް މެންޗެސްޓާ ސިޓީ ބަލިކޮށް، 10 އަހަރަށްފަހު ލިވަޕޫލުން ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ކުއާޓާގެ ފުރަތަމަ ލެގުގައި ލިވަޕޫލުން ސިޓީގެ މައްޗަށް ކުރި ހޯދައިފައި އޮތީ 3-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު 2-1ގެ ލިވަޕޫލުން ކާމިޔާބުކުރި އިރު، ލިވަޕޫލް ސެމީއަށް ދަތުރުކޮށްފައިވަނީ އެގްރިގޭޓް 5-1ގެ ނަތީޖާއަކުންނެވެ.

ހަ އަހަރުގެ މެދު ކެނޑުމަކަށްފަހު މިއަހަރުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ކުޅެމުންދާ އިރު، އެންމެފަހުން ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ސެމީއަށް ދަތުރުކޮށްފައިވަނީ 2005 ވަނަ އަހަރުގައެވެ. އެ ސީޒަންގައި ލިވަޕޫލް ސެމީން ކެޓީ ޗެލްސީ އަތުން ބަލިވެގެންނެވެ.

ލިވަޕޫލާއި ސިޓީ ވާދަކުރި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރޭގެ މެޗުގެ ދެވަނަ މިނެޓުގައި ސިޓީންވަނީ ލީޑު ނަގައިފައެވެ. ބްރެޒިލްގެ ފޯވަޑް ގެބްރިއަލް ޖީސަސްގެ ގޯލުން ސިޓީ ލީޑު ނަގައިފައިވާ އިރު، އެ ގޯލަށްފަހު ސިޓީގެ ފަރާތުން ފެނިފައިވަނީ އެޓޭކިން ކުޅުމެކެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފްގައި ސިޓީންވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ސިޓީގެ ކެވިން ޑިބްރޭނާގެ އިތުރުން ލެރޮއި ސާނޭއާއި ބެނާޑޯ ސިލްވާގެ ހަމަލާތައް ފާހަގަ ކުރެވިފައިވާ އިރު، ރެފްރީވަނީ ސާނޭގެ ގޯލެއް އޮފްސައިޑް ކަމަށް ނިންމައިފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިތުރުން ބައެއް ކުޅުންތެރިންވެސް ރެފްރީއާ ގިނަ ޝަކުވާތަކެއް ކުރިތަން ފެނިގެން ގޮސްފައިވެއެވެ. މެޗުގެ ދެވަނަ ހާފްގައި ރެފްރީ ވަނީ ސިޓީގެ ކޯޗު ގާޑިއޯލާ ބެންޗުންވެސް ފޮނުވާލައިފައެވެ.

ދެވަނަ ހާފަށް ނުކުމެ ލިވަޕޫލުން ކައުންޓާ އެޓޭކް ވަރުގަދަ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުވަނީ މެޗުގެ 56 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މިސްރުގެ ތަރި، މުހައްމަދު ސަލާހެވެ.

ލިވަޕޫލް މެޗުން މޮޅުވި ގޯލް، 77 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނޯއެވެ.

ލިވަޕޫލާއި ސިޓީ ވާދަކުރި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ބާސެލޯނާ ބަލިކޮށް، ރޯމާއިން ސެމީގެ ޖާގަ ކަށަވަރުކޮށްފައިވާ އިރު، ޗެމްޕިއަންސް ލީގުގެ ކުއާޓާގެ މެޗުތައް މިރޭވެސް އޮންނާނެއެވެ.