އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ބާއްވާނެ ދެ ރަށެއްގެ ގޮތުގައި ފ. ނިލަންދޫ އަދި ށ. ފޯކައިދޫ ހަމަޖައްސައިފިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ރަށެއްގައި ދެ ގްރޫޕްގެ މެޗުތައް ހޯސްޓު ކުރާ ގޮތަށް ހަމަޖެހިފައިވާ އިރު، ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ފަސް ޓީމެވެ.

ފައިނަލް ބުރުގައި އަށް ޒޯނެއްގެ ޗެމްޕިއަނުންނާއެކު ދެން ވާދަކުރާނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނުނު ޓީމުތަކުގެ ތެރެއިން ދ. ކުޑަހުވަދުއާއި އއ. މާޅޮހެވެ. މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ގަދަ ހަތަރެއްގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ށ. މިލަންދުއާއި ގދ. ތިނަދޫ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައި ނުވެއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ށ. ފޯކައިދޫގައި ކުރިއަށްދާ ގްރޫޕްގައި ހިމެނޭ ޓީމުތައް:

ހއ. މުރައިދޫ

ށ. ފޯކައިދޫ

ބ. ފެހެންދޫ

އދ. ފެންފުށި

އއ. މާޅޮސް

ފ. ނިލަންދޫގައި ކުރިއަށްދާ ގްރޫޕްގައި ހިމެނޭ ޓީމުތައް:

ފ. ނިލަންދޫ

ތ. ތިމަރަފުށި

ގދ. ހޯޑެއްދޫ

ސ. ހިތަދޫ

ދ. ކުޑަހުވަދޫ

ފައިނަލް ބުރުގެ ކޮންމެ ގްރޫޕެއްގައިވެސް ލީގު ބުރެއް ކުޅެ ދެ ޓީމު ސެމީ ފައިނަލަށް ދަތުރު ކުރާނެއެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކުޅޭނީ ގްރޫޕް އެކެއްގެ އެއްވަނަ އަދި ގްރޫޕް ދޭއްގެ ދެވަނަ ޓީމެވެ. ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނި ގްރޫޕް ދޭއްގެ އެއްވަނަ އަދި ގްރޫޕް އެކެއްގެ އެއްވަނަ ޓީމެވެ.

ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހާއި ހަތަރު ވަނަ ދުވަހުގައެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީއަށް ދާ ހަތަރު ޓީމަށްވެސް ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭ އިރު، މިއަހަރުގެ ފައިނަލް މެޗު އޮންނާނީ މޭ މަހުގެ 10 ވަނަ ދުވަހުގައެވެ.

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ޗެމްޕިއަން ޓީމަކީ ދ. ކުޑަހުވަދުއެވެ.