ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީގައި އިނގިރޭސިވިލާތުގެ އާސެނަލާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ވާދަކުރަން ޖެހިއްޖެއެވެ.

ސްވިޒަލޭންޑް ނިއޯންގައި ހުންނަ ޔޫއެފާ ހެޑްކުއާޓާސްގައި މިއަދު ކުރިއަށްދިޔަ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައި ޔޫރޮޕާ ލީގުގެ ގުރުއަތު ނަގައިދިީ އެ މުބާރާތުގެ އެމްބެސެޑަރު، ބާސެލޯނާ އަދި ފްރާންސްގެ ލެޖެންޑް އެރިކް އަބިޑާލްއެވެ.

ޔޫރޮޕާގެ ސެމީގައި އާސެނަލާއި އެތުލެޓިކޯ ވާދަކުރަން ޖެހުނު އިރު، ސެމީ ފައިނަލް ދެވަނަ މެޗުގައި އާރްބީ ސާލްޒްބާގާ ދެކޮޅަށް ނުކުންނާނީ ފްރާންސްގެ މާސޭއެވެ.

މިއަހަރުގެ ޔޫރޮޕާ ލީގު ސެމީ ފައިނަލް ފުރަތަމަ ލެގު އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އާސެނަލާއި އެތުލެޓިކޯ ވާދަކުރާ ފުރަތަމަ ލެގު އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ކުޅޭ އިރު، އަންނަ މަހު ތިންވަނަ ދުވަހު އޮންނަ ދެވަނަ ލެގު ކުޅޭނީ އެތުލެޓިކޯގެ ދަނޑުގައެވެ.

މިއަދުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އާސެނަލް ސެމީއަށް ދަތުރު ކުރީ ކުއާޓާ ފައިނަލްގައި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ ބަލިކޮށްފައެވެ. އެތުލެޓިކޯ ސެމީއަށް ދަތުރުކުރީ ސްޕޯޓިން ލިސްބަން އާ ވާދަކޮށް އެގްރިގޭޓް 2-1ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

އެތުލެޓިކޯ މެޑްރިޑަކީ 2010 އަދި 2012 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޓީމެވެ. މިވަގުތު ސްޕެނިޝް ލީގުގެ ދެވަނައިގައި އޮތް އެތުލެޓިކޯއަކީ މިއަހަރުގެވެސް ޔޫރޮޕާ ލީގުގެ ފެވަރިޓް ޓީމެވެ.

ޔޫރޮޕާ ލީގުގެ ފައިނަލް އޮންނާނީ އަންނަ މޭ މަހު 16 ވަނަ ދުވަހު ފްރާންސްގެ ލިއޯންގައެވެ. ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރު ވާނެއެވެ.