13 Apr 2018, 23:40
އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގައި އާގަރާއަށް ވައިގަދަވުމުގެ ސަބަބުން ތާޖް މަހަލްގެ މުންނާރުތަކަށް ގެއްލުންވެއްޖެއެވެ.
އޮފިޝަލުންނާ ހަވާލާދީ ބީބީސީން ބުނީ 130 ކިލޯ މީޓަރު ބާރުމިނުގައި ވައިޖެހުމުގެ ސަބަބުން މުންނާރުތަކަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި 12 ފޫޓުގެ މުންނާރުތައް ވެއްޓިފައިވާ ކަމަށްވެސް އޮފިޝަލު ބުނެފައިވެއެވެ.

ސަތާރަވަނަ ގަރުރުނުގައި ބިނާކޮށްފައިވާ މި "ލޯބީގެ މަގުބަރާ" އަށް ދުވާލަކު 12000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ. ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައިވެސް ތާޖް މަހަލް ހިމެނެއެވެ.
ވައިގަދަ ވެގެން ވެއްޓުނު އެއް މުންނާރަކީ ރޯޔަލް ގޭޓް ކައިރީ ހުންނަ މުންނާރެކެވެ. އެ ގޭޓުން ވަންނަ މީހުންގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަންނަ މުންނާރަކީވެސް މިއެވެ. ދެން ވެއްޓުނީ ދެކުނު ގޭޓު ކައިރީ ހުންނަ މުންނާރެކެވެ.

ތާޖްމަހަލްގެ މުންނާރެއް ވެއްޓިފައި ---
ވެއްޓުނު މުންނާރުތައް ކޮޅަށްޖަހައި، ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލު ބުނެފައިވެއެވެ.

ވައިނުސާފުވެ ތަޣައްޔަރުވުމާ ގުޅިގެން ހުދު ސަންގުމަރުމަރު ހިލައިން ބިނާކޮށްފައިވާ މި ބިނާއަށް ވަނީ ގެއްލުންތައް ލިބެން ފަށައިފައެވެ.