މެންޗެސްޓާ ސިޓީއަށް އަދިވެސް ލީގު ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެއްވަނައިގައި މިވަގުތު ސިޓީ އޮތީ ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށްވުރެ 13 ޕޮއިންޓް ކުރީގައެވެ. ލީގުގައި ބާކީ ހަ މެޗު ސިޓީއަށް އޮތް އިރު، ލީގު ކަށަވަރު ކުރުމަށް ސިޓީ ބޭނުންވަނީ ދެ މޮޅެވެ.

"އަހަރެން މިބުނަނީ ފުޓުބޯޅައިގައި އެކަހަލަ ކަންކަން ވާނެ. އަދިވެސް ސިޓީއަށް ލީގު ގެއްލިދާނެ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ޔުނައިޓެޑް މިހާރު އޮތް ފޯމަށް ބަލާ އިރު، ލީގުގައި ބާކީ އޮތް ހަ މެޗުންވެސް ޔުނައިޓެޑަށް މޮޅު ވެވޭނެ ކަމަށެވެ.

"ޔުނައިޓެޑް އޮތީ ރަނގަޅު ފޯމެއްގައި. ޔުނައިޓެޑަށް ލީގުގައި ބާކީ އޮތް ހަ މެޗުން މޮޅުވެވޭނެ. އަހަރެން އަޑުއަހަމުން އައީ ނޮވެމްބަރުން ފެށިގެން ނޫސްތަކުންނާ އެނަލިސްޓުން ބުނެފި ޗެމްޕިއަނުންނަކީ ސިޓީއޭ. އެކަމަކު މިއީ ފުޓުބޯޅަކަން ހަނދާން ކުރަންވާނެ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ އެންމެފަހުން ސިޓީ ކުޅުނު ތިން މެޗުންވެސް އެޓީމު ބަލިވެއްޖެ ކަމަށާއި މިހާރަށްވުރެ ބޮޑަށް ސިޓީން ފޯކަސް ކުރަން ޖެހިއްޖެ ކަމަށެވެ. އަދި ސިޓީއަށް އޮތް ފައިދާއަކީ ލީގު ހޯދުމަށް އަމިއްލަ ބާރު އޮތުން ކަމަށާއި ސިޓީގެ ކުޅުންތެރިންނަށް ޕްރެޝަރު ހޭންޑަލް ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން ދެން ކުޅެން ޖެހޭނީ ޓޮޓެންހަމްއާ ދެކޮޅަށެވެ. ޔުނައިޓެޑުން މިރޭ ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެ ނަމަ، އެންމެ މެޗަކުން މޮޅުވެ ސިޓީއަށް ލީގު ކަށަވަރު ކުރެވޭނެއެވެ.