އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ފަހަތުން އަރައި ސައުތުހެމްޓަން ބަލިކޮށް، ޗެލްސީން މުހިންމު މޮޅެއް ހޯދައިފިއެވެ.

ސައުތުހެމްޓަންގެ ދަނޑުގައި މިރޭ ކުޅުނު މެޗު، ޗެލްސީން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ. ސައުތުހެމްޓަންއިން ދެ ގޯލް ޖަހައި ލީޑު ނަގައިފައިވަނިކޮށް، ޗެލްސީން މޮޅުވީ ފަހަތުންއަރައި ތިން ގޯލް ޖަހައިގެންނެވެ.

މެޗުގެ ކުރީ ކޮޅުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، 21 ވަނަ މިނެޓުގައި ސައުތުހެމްޓަންއިން ވަނީ ލީޑު ނަގައިފައެވެ. ސައުތުހެމްޓަންއަށް ލީޑު ނަގައިދިނީ ޑޫސާން ޓަޑިޗެވެ.

ޗެލްސީއާއި ސައުތުހެމްޓަން މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ސައުތުހޭމްޓަންގެ ގޯލަށްފަހު ޗެލްސީގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ހާއްސަކޮށް އެޓީމުގެ އެޓޭކްގެ ފަރާތުން މާ ބޮޑު ހަމަލާތަކެއް ފެނިފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގެ ތާވަލުގެ ފަސް ވަނައިގައި އޮތް ޗެލްސީ އިތުރަށް މާޔޫސް ވެގެންދިޔައީ މެޗުގެ 60 ވަނަ މިނެޓުގައި ސައުތުހެމްޓަންއިން ދެވަނަ ގޯލެއް ޖެހުމާ ގުޅިގެންނެވެ. ޖޭން ބެޑްނެރެކްގެ ގޯލާއެކު ސައުތުހެމްޓަންއިން ލީޑު ފުޅާކުރުމާއެކު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ދެ ބަދަލެއް ކޮށްފައެވެ. އެގޮތުން ފަހަތަށް ކުޅެމުންދިޔަ ޑޭވިޑް ޒަޕަކޯސްޓާގެ ބަދަލުގައި ޕެޑްރޯ ރޮޑްރިގޭޒް އަދި ފޯވަޑް އަލްވާރޯ މޮރާޓާގެ ބަދަލުގައި އޮލިވިއާ ޖިރޫޑް ވަނީ ދަނޑު މައްޗަށް ނެރެފައެވެ.

ދަނޑު މައްޗަށް ޖިރޫ ނުކުތްތާ 10 މިނެޓުވެސް ނުވަނީސް އޭނާގެ ފުރަތަމަ ގޯލް ޖަހައި ޗެލްސީއަށް އުންމީދު އާކޮށްދިނެވެ. ޖިރޫގެ ގޯލާއެކު ޗެލްސީ ކުޅެމުންދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ. ހާއްސަކޮށް އެޓޭކްގައި ގިނަ ކުޅުންތެރިންތަކެއް ބައިވެރިވިކަން ފާހަގަކޮށްލެވުނެވެ.

ޗެލްސީއާއި ސައުތުހެމްޓަން މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީމެޗުގެ 75 ވަނަ މިނެޓުގައި އެޑިން ހަޒާޑްގެ ގޯލުން ޗެލްސީ ނަތީޖާ ހަމަހަމަ ކުރި އިރު، 78 ވަނަ މިނެޓުގައި ޖިރޫ ވަނީ އޭނާގެ ދެވަނަ ގޯލާއެކު ނަތީޖާ އަނބުރާލައިފައެވެ.

ރޭގެ މެޗުން މޮޅުވެ ޗެލްސީއަށް ވަނީ ގަދަ ހަތަރަކަށް ކުޑަ އުންމީދެއް ލިބިފައެވެ. ލީގުގައި ކުޅުނު 33 މެޗުން ޗެލްސީއަށް ލިބުނު 60 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތް އިރު، ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް އޮތީ 32 މެޗުން 67 ޕޮއިންޓާއެކުގައެވެ.

ލީގުގައި ބާކީ ފަސް މެޗު ޗެލްސީއަށް އޮތް އިރު، ގަދަ ހަތަރަކަށް ދިއުމަށް އެޓީމަށް ވަނީ އަމިއްލަ ބާރު ގެއްލިފައެވެ. މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޓޮޓެންހަމް ނުކުންނަ އިރު، އެ މެޗުން ޓޮޓެންހަމް ބަލިވެއްޖެ ނަމަ ޗެލްސީއަށް ގަދަ ހަތަރަކަށް އެރުމަށް އުންމީދު އާވާނެއެވެ.

މިރޭގެ މެޗުން ބަލިވި ސައުތުހޭމްޓަން އޮތީ ރެލިގޭޝަން ޒޯންގައެވެ. އެޓީމަށް ލިބެނީ 33 މެޗުން 28 ޕޮއިންޓެވެ.