15 Apr 2018, 15:29
ރޭޕްކުރުން އާންމު އިންޑިއާގައި އަށް އަހަރުގެ މުސްލިމު އަންހެން ކުއްޖެއްގެ ރޭޕްއާ އެކު އިންޑިއާގެ ގިނަ ބަޔަކު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފި އެވެ.
މި އަހަރުގެ ޖެނުއަރީ މަހު 10 ވަނަ ދުވަހު ގެއްލުނު އާސިފާ ބަނޯ ފެނުނީ އޭގެ ހަފްތާއެއް ފަހުން ކަޝްމީރުގެ ކަތުއާ ސަރަހައްދު ކައިރީގައި ހުރި ޖަންގައްޔަކަށް އެއްލާލައިފައި އޮއްވަ އެވެ. ނަމަވެސް އެ ހާދިސާ ހިނގި މަގްސަދު އެނގުނީ ވަރަށް ފަހުންނެވެ.
ފުލުހުންގެ ތަހުގީގުތަކުން މިހާރު ވަނީ މިއީ ދީނީ ހަމަނުޖެހުންތަކުގެ ތެރެއިން ހިނގި ހަމަނުޖެހުމެއް ކަމަށް ބުނެފަ އެވެ. އާސިފާގެ އާއިލާ އަކީ މުސްލިމަކަށް ވީތީވޭ، ހިންދޫ އަވަށްޓެރިން އެއާއިލާ އެ ސަރަހައްދު ކައިރީ އުޅޭކަަށް ބޭނުމެއް ނުވި އެވެ. ފުލުހުން ބުނީ އާސިފާ ރޭޕްކޮށް މަރާލީ، އޭނާގެ އާއިލާ ބިރުގަންނުވައިގެން އެ ސަރަހައްދު ދޫކޮށް ދިއުމަށް މަޖުބޫރުކުރުވުމަށް ކަމަށެވެ.
އެ ހާދިސާގައި އެ ސަހައްދުގައި ހަރަކާތްތެރިވި ފުލުހުން ވެސް ޝާމިލްވާކަން ވަނީ އެނގިގެންގޮސްފަ އެވެ. މައްސަލަ ބޮޑަށް ހޫނުވީ އިންޑިއާގެ ސިޔާސީ ބައެއް ފަރާތްތަކުން ތުހުމަތު ކުރެވިފައިވާ ސިފައިންގެ ދިފާއުގައި ވާހަކަ ދައްކަން ފެށުމުންނެވެ.
އާސިފާއަށް އިންސާފު ހޯދުމަށް އެދި އިންޑިއާގެ އެކި ހިސާބުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އޭގެ އިތުރުން މުޅި ސޯޝަލް މީޑިއާގައި ވެސް ދަނީ އެކަން ކުށްވެރިކޮށް ވާހަކަ ދައްކަމުންނެވެ.