ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއު ހިންގާތީ، ބްރިޖް ބަލާ ޕްލެޓްފޯމް ހިމެނޭ ސަރަހައްދުގައި ހުންނަ "ޗާޓައިމް" އައުޓްލެޓް އެހެން ތަނަކަށް ބަދަލުކުރަން ނިންމައިފިއެވެ.

އެ ޕްލެޓްފޯމް ބަލަހައްޓާ ސްޓާރާޑާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޒާހިދު ރަމީޒް "ސަން" އަށް މިއަދު ވިދާޅުވީ ހައުސިން މިނިސްޓްރީން ވަނީ ޕްލެޓްފޯމްގެ ބައެއް، މަގު ފުޅާކުރާ މަޝްރޫއު ހިންގުމަށް ނަގަން ބޭނުންވާކަން އަންގާފައި ކަމަށެވެ.

ޒާހިދު ވިދާޅުވީ ތަރައްގީގެ އެފަދަ މަސައްކަތްތަކީ އަބަދުވެސް އެކުންފުނިން އެއްބާރުލުންދޭނެ ކަންތައްތައް ކަމަށެވެ.

"އެހެންކަމުން އެ ސަރަހައްދުގައި ހުރި ބައެއް ތަންތަން އެހެން ސަރަހައްދުތަކަށް ބަދަލު ކުރަން އަޅުގަނޑުމެން ނިންމައިފިން،" ޒާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގިނަ ބައެއްގެ މަގުބޫލްކަން ލިބިފައިވާ ޗާޓައިމް، ހާބަރު ކަޑަތައް ހިންގި ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ތަނުގެ ދެވަނަ އައުޓްލެޓް ބްރިޖް ވިއުއިންގ ޕްލެޓްފޯމާ އިންވެގެން އޮންނަ ބިމުގައި ކުރިއަށް އޮތް ހަ މަސް ދުވަސް ތެރޭ ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޒާހިދު ވިދާޅުވިއެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކޮށް ތާރު އަޅައިގެން އަލުން އެ މަގު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުންދާ އިރު، ބްރިޖް ނިމެންވާއިރަށް މަގު ހެދުމުގެ މަސައްކަތް ނިމޭނެ ކަމަށް އެ މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ބޭރު މަގުގެ ބޮޑުބައެއްގައި ތަޅާލައި ފުޅާކޮށް ވަނީ ނިމިފައެވެ. އަދި އާޓިފިޝަލް ބީޗު ސްޓޭޖު ވެސް ރޫޅާލައި ތަޅާލައިފައިވާ އިރު، ބޭރު މަގުގައި ހުރި ބޮޑެތި ގަސްތައް ވެސް ވަނީ ކަނޑާލައިފަ އެވެ.

އެކަމުގެ ކަންބޮޑުވުން އެތައް ބަޔަކު ހިއްސާ ކުރި ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ، ބޮޑުތަކުރުފާނު މަގު އަލުން ހަދާ އިރު އެ މަގުގައި 450 އެއްހާ ގަސް އިންދާނެ ކަމަށެވެ.