15 Apr 2018, 15:38
މިއަދު އިންޓަނޭޝަންލް މޮޑަރޭޝަން ފޯރަމްއިން އެރުވި ހާއްސަ ޝަރަފުން ދައްކުވައިދެނީ ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތް ބައިނަލްއަގުވާމީ މައިދާނުން ބަލައިގަންނަކަން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހްމަދު ޒިޔާދް ބާގިރު ވިދާޅުވެއްޖެ އެވެ.
އިންޓަނޭޝަންލް މޮޑަރޭޝަން ފޯރަމްއިން ރައީސް ޔާމީނަށް ހާއްސަ އެވޯޑެއް ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ އެ އެވޯޑް ރައީސް ޔާމީނަށް އަރުވަން އެ ފޯރަމް އިން ނިންމީ އިސްލާމްދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތާއި ހަރުކަށި ފިކުރުތަކާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު އެ ފޯރަމްއިން އެރުވި އެވޯޑަކީ ރައީސް ޔާމީން ދީނީ ރޮނގުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބައިނަލްއަގުވާމީ މައިދާނުން ބަލައިގަންނަ ކަމުގެ އަލިގަދަ ހެތްކެއް ކަމަށެވެ.
"ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް މިގައުމު ގެނެސްދީފައި އޮތީ ވަރަށް ބުރަ މަސައްކަތުން. މިއަދު ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އެ ކުރަންވަނީ އެ މަސައްކަތް. ރާއްޖޭގެ ރައްޔިތުންގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ބައިނަލްއަގުވާމީ މުވައްސަސާތަކުން އެކަން ގަބޫލުކޮށް ހާމަކުރައްވާ،" ޑރ ޒިޔާދު ވިދާޅުވި އެވެ.
މިނިސްޓަރު ޒިޔާދު ވިދާޅުވީ އިންޓަނޭޝަންލް މޮޑަރޭޝަން ފޯރަމްއަކީ 12،000 އަށް ވުރެ ގިނަ އިލްމްވެރިން ހަރަކާތްތެރިވާ ޖަމައާތެއް ކަމަށާއި އެ ޖަމައަތުގެ އެންމެ ޝަރަފްވެރި އެވޯޑް އަރުވަނީ އެތައް ބައިވަރު ދިރާސާތަކަށް ފަހުގައި ކަމަށެވެ.
އިންޓަނޭޝަންލް މޮޑަރޭޝަން ފޯރަމްއާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް ކާމިޔާބު ފޯރަމެއް ކަމަށާއި ސުލްހަ މަސަލަސްކަން ގާއިމުކޮށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމުގައި އެ ޖަމައާތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަަމަށެވެ.
އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމަކީ 2002 ވަނަ އަހަރުން ފެށިގެން އުފައްދާފައި އޮތް އިސްލާމީ އަދި އެހެނިހެން ދީންތަކާއި ފިކުރުތައް ވެސް ބައިވެރިވާ ހަރަކާތެކެވެ. އެ ހަރަކާތް ބަލަހައްޓަވަމުން ގެންދަވަނީ އުރުދުންގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިންގެ ޚާއްސަ ރިޔާއަތުގެ ދަށުންނެވެ.
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކައުންސިލް (އޯއައިސީ)ގެ ފަރާތުން ޚާއްސަ ނަޒަރިއްޔާތެއްދީފައިވާ މި ފޯރަމަކީ އެ ކައުންސިލްގެ އިލްތިމާސާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އިސްލާމިކް ޔުނިވާސިޓީއާއި އެނޫން ވެސް އިތުރު ޔުނިވާސިޓީތަކުން އިލްމްވެރިންނާއި ދިރާސާކުރާ ފަރާތްތަކާ އެކު އެކިއެކި ފަންނުގެ 12،000 އަށް ވުރެ ގިނަ ޕްރޮފެސަރުން ބައިވެރިވާ ފޯރަމެކެވެ.
އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ އެންމެ ޝަރަފްވެރި އެވޯޑް ރައީސް އަބްދުﷲ ޔާމީނަށް މިއަދު އަރުވާފައިވާ އިރު 15 އަހަރުވީ އެ ހަރަކާތުގެ ތާރީހުގައި މި އެވޯޑް މީގެ ކުރިން އަރުވާފައި ވަނީ ދެ ބޭފުޅަކަށެވެ.
އެއީ މޮރަޓޭނިއާގެ މިހާރުގެ ރައީސް މުހައްމަދު ބިން އަބްދުލް އަޒީޒް އަދި ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒު އާލް ސައުދެވެ.