15 Apr 2018, 17:13
ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފޮނުއްވި ސިޓީއެއްގައި ރައްޔިތުންނާ ގުޅުން ހުރި ބައެއްކަންކަން ދަތިކުރަން މަޝްވަރާ އަރުވާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، ފާރިސް އެ ސިޓީ މައުމޫނާ ހަމައަށް ފޮނުއްވީ ފާރިސްގެ ދައްތަ ޔުމްނާ މައުމޫން މެދުވެރިކޮށް ކަމަށެވެ.
މިއަދު އިސްކަންދަރު ކޮށީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ ސިޓީގެ ފޮޓޯއެއް ދައްކާފައެވެ.
ޝިފާން ވިދާޅުވީ، އެ ސިޓީއަކީ ފުލުހުން ހޯދާފައިވާ ކަޅު ފޮށިން ލިބިފައިވާ ސިޓީއެއް ކަމަށެވެ. އަދި އެ ސިޓީގައި ތަފާތު ޕޮއިންޓްތަކަކަށް އަލިއަޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ޑޮކިޔުމަންޓަށް ބަލާއިރު މީގެ ހުރިހާވެސް ބޭނުމަކީ ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލުން،" ޝިފާން ވިދާޅުވިއެވެ.
އެ ސިޓީއާ ހަވާލާދީ ޝިފާން ވިދާޅުވީ، ސީތީގައި ބަޔާންކޮށްފައި ހުރި ކަންކަމަށް ބަލާއިރު މަދު ބައެއްގެ ޒާތީ ބޭނުމެއް ހާސިލް ކުރުމަށް ރައްޔިތުންނާ ގުޅުން ހުރި ކަންކަން ދަތިކޮށް ފައިނޭންޝަލް ކަންކަން ބޭންކްތައް މެދުވެރިކޮށް ދަތިކޮށް އަދި ދިވެހިންނަށް ވިސާ ލިބުމަށް ދަތިކޮށް ބޭރާ ގުޅުން ހުރި ކަންކަން ރައްޔިތުންނަށް ދަތިކުރުމަށް މަޝްވަރާ އަރުވާފައިވާ ކަމަށެވެ.
"ދިވެހިން ބޭނުން ކުރަމުންދާ ކާޑުގެ ބާވަތްތައް ހާއްސަކޮށް ހަނޑޫ ހަކުރު އަދި ފުށް ދަފަ ބޭސިކް ނެސެސިޓީތައް ލިބުމަށް ދަތިކޮށް. މިފަދަ ބައިވަރު ކަންކަން މަޝްވަރާ ދެއްވާފައިވާކަން ފާހަގަކޮށްލަން،" ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ އެ ސިޓީން، ދިވެހިން އުޅެމުންދާ ޒާތީ ދިރިއުޅަމަށް ބޭރުގެ ފަރާތްތަކުން "އަތްބާނަން" ފުރުޞަތު ދެވިފައިވާ މިންވަރު އެނގިގެންދާ ކަމަށެވެ.
"ވަރަށް ސާފުކޮށް ފެންނަން އެބައޮތް އޫއެސް، ޔޫކޭ، އީޔޫ، ޔޫއެން ފަދަ ތަންތަނަށް ގޮސް އިންޑިއާ އިސްވެ ބާއްވައިގެން ތަފާތު ކަންކަން ކުރުމަށް ބަޔަކު މަސައްކަތްކޮށްފައިވާކަން،" ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ، މިއީ ދިވެހި ސަރުކާރުން ބަޔަކާ މެދު ގެންގުޅެފައިވާ "ޕާސެޕްޝަނެއް" ނޫން ކަމަށާއި ބަޔަކު "އިންޓަނޭޝަނަލް އެޖެންސީތައް" މެދުވެރިކޮށް ކުރަން އުޅުނު ކަންކަމުގެ މައުލޫމާތު ކަމަށެވެ.