16 Apr 2018, 01:34
ރައީސް އަބްދުﷲ ޔާމީން ރާއްޖޭގައި ފައްޓަވާފައިވާ ތަރައްގީގެ މަޝްރޫއުތައް ނިންމެވުމަށް ކުރިއަށް އޮތް ދައުރުގައި ވެސް އެމަނިކުފާނު އިންތިހާބު ކުރަން ޖެހޭ ކަމަށް، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުހައްމަދު ހުސައިން ޝަރީފް(މުންދު) ވިދާޅުވެއްޖެއެވެ.
ޓީވީއެމްގައި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ކޮށްފައިނުވާ ވަރަށް މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާ ކަމަށާއި އަދި އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިމިފައިވާ ކަމަށެވެ. އަދި މިހާތަނަށް ނުނިމި ހުރި ގިނަ މަޝްރޫއުތަކަކީ ޕީޕީއެމްގެ މެނިފެސްޓޯގައި ނެތް ކަންތައްތަކެއްކަމަށް މުންދު ވިދާޅުވިއެވެ. އެ މަސައްކަތްތައް ނިންމުމަށް އަންނަ ދައުރަށް ކޮންމެހެން ވެސް ރައީސް ޔާމީން އިންތިހާބް ކުރަން ޖެހޭ ކަމަށް މުންދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ހަމަ އެއްވެސް ޖާއިޒް ސަބަބެއް ނުފެނޭ ދެވަނަ ފަހަރަށް ވިސްނަން ކީއްކުރަންތޯ އަމިއްލައަށް ޝައުގުވެރިކަމާއި އެކު މަސައްކަތްތަކެއް ކޮށްގެން އިތުރު ބައެއްގެ ތާއީދު ހޯދައިގެން ނަމަވެސް އަޅުގަނޑުމެންގެ ގައުމަށްޓަކައި އަޅުގަނޑުމެންގެ މުސްތަގްބަލަށްޓަކައި އަޅުގަނޑުމެންގެ ދަރިންނަށްޓަކައި އަދި މިހާރު އެމަނިކުފާނު ފައްޓަވާފައި އޮތް މަސައްކަތްޕުޅު ކުރިއައްގެންދިއުމަށް ފުރުސަތު ދިނުމަށްޓަކައި ވެސް ކުރިއައް އޮތް ވޯޓުގައި އެބަ ރައީސް ޔާމީން ހޮވަން ޖެހޭ،" މުންދު ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ގިނަ ތަޖުރިބާތަކެއް ހާސިލްކުރެއްވުމަށްފަހު ފަހަރަކު ހަރުފަތެއް ބިނާކޮށްފައި ކަމަށް މުންދު ވިދާޅުވިއެވެ. އެގޮތުން އަވަށު އޮފީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެތެރެއިން ވެސް ގިނަ ތަޖުރިބާތަކެއް ހޯއްދެވިކަން މުންދު ފާހަގަކުރެއްވިއެވެ.
"ވެރިކަމަށް ވަޑައިގަތީ ވަރަށް ގިނަ ތަޖުރިބާތަކެއްގެ އަލީގައި ވަރަށް ތަފްސީލްކޮށް. ޑީޓެއިލްޑް ވިސްނުންފުޅެއް ކުރެހުމެއް ގައުމުގެ މުސްތަގްބަލް ތަސްވީރު އޮންނަން ވީ ގޮތް. ގައުމު މުސްތަގްބަލުގައި އޮންނަން ވީ ގޮތް އިސްތަށިފުޅުގައި ކުރަހައިގެން ވަޑައިގަތީ،" މުންދު ވިދާޅުވިއެވެ.
ކުރީގެ ރައީސުންނާ ހިލާފަށް ރައީސް ޔާމީނަކީ ދެއްކުންތެރިކަން ކުޑަ ރައީސެއްކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ އެމަނިކުފާނު އޮފީހަށް ވަޑައިގަންނަ ގޮތަށް ހަވީރު ގެއަށް ވަޑައިގަތުމާ ހަމައަށް ވެސް އެއްވެސް ހުސްވަގުތެއް ނުނަންގަވައި ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށެވެ.
"ފަރިއްކޮޅަށް ވެސް ވަގުތު ނުނަންގަވާނެ. އެހާ މަސައްކަތްކުރައްވާ. ދެން އަޅުގަނޑުމެން ވެސް ބައެއް ފަހަރަށް ދަންނަވާލީމަ ވިދާޅުވާނެ އުނހޫ، ތިމަންމަނިކުފާނަށް އޮތީ ފަސް އަހަރޭ ހާދަ ކަންތައްތަކެއް ތިމަން މަނިކުފާނު އެބަހުއްޓޭ މި ފަސް އަހަރު ތެރޭގައި އެޗީވް ކުރަން. މިފަސް އަހަރުގަ އެޗީވް ކުރީމައޭ ރައްޔިތުން އިތުރު ފަސް އަހަރު ދެއްވާނީ،" މުންދު ވިދާޅުވިއެވެ.