16 Apr 2018, 23:21
ބައިނަލްއަގްވާމީ ދަރިވަރުންނަށް، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން ރިސާޗް މޯޑަށް ޕޯސްޓްގުރެޖުއޭޓް ހެދުމުގެ ފުރުސަތު މިއަހަރުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި އައިޔޫއެމްގެ ތިން ވަނަ ދަސްވެނިވުމުގެ ހަފްލާގައި އެކަން އިއުލާން ކުރައްވައި ޗާންސެލަރު ވިދާޅުވީ، އެ ޕްރޮގްރާމްގެ ދަށުން ބައިނަލްއަގްވާމީ ދަރިވަރުންނަށް ފުރުސަތު ހުޅުވާލާނީ އަންނަ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރަސްމިއްޔާތުގައި ނުދެއްވައެވެ.
މިރޭގެ ރަސްމިއްޔާތުގައި އިސްލާމީ ޔުނިވާސިޓީން ފުރަތަމަ ފަހަރަށް މާސްޓާސް ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުން ދަސްވެނިވިކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، އެއީ އެ ޔުނިވާސިޓީއަށް ލިބިގެންދާ ޝަރަފެއް ކަމަށާއި އަންނަ އަހަރު ވެސް މާސްޓާސް ޕްރޮގްރާމްތަކުން އެ ޔުނިވާސިޓީގެ ދަރިވަރުން ދަސްވެނިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ލަސްވެގެން 2020 ގައި އައިޔޫއެމްގައި އަރަބި ބަހުން ހިންގަމުންދާ ޖުޑީޝަލް ސައިންސަން އިން ޝަރީއާ ޕޮލިސީ ފަދަ ކޯސްތަކުން ޕީއެޗްޑީ ހާސިލް ކޮށްގެން ދަރިވަރުން ދަސްވެނިވާނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ، ބޭރުގެ މަޝްހޫރު ޔުނިވާސިޓީތަކާއެކު ގުޅުން ބަދަހިކޮށް އިލްމީ ކަންކަމުގައި އެ ޔުނިވާސިޓީން އެއްބާރުލުން ހޯދަމުންދާ ކަމަށެވެ.
އެގޮތުން މަދީނާގެ އިސްލާމީ ޔުނިވާސިޓީއާއެކު އައިޔޫއެމްއިން އަންނަ ހަފްތާގެ ތެރޭގައި ސޮއިކުރާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އެ އެއްބަސްވުން ވެގެންދާނީ އަރަބި އިސްލާމީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔުނިވާސިޓީއާއެކު ރާއްޖޭގެ ޔުނިވާސިޓީއަކުން ގާއިމްކުރާ ފުރަތަމަ އެއްބަސްވުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"އައިޔޫއެމް އިން މަސައްކަތްކުރަނީ އިރުމައްޗާއި ހުޅަނގުގެ އިސްލާމީ ޔުނިވާސިޓީތަކުން ނަމޫނާ ލިބިގެން ރާއްޖެއަށް ފެތޭ ގޮތަށް ޒަމާނީ އުސޫލުތަކުގެ ތެރެއިން މޮޑާން އިސްލާމިކް ޔުނިވާސިޓީއެއްގެ ގޮތުގައި ޔުނިވާސިޓީ ތަރައްގީ ކުރަން،" ޝަހީމް ވިދާޅުވި އެވެ.