އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ.

ސާފް ސުޒުކީ ކަޕްގެ ނަމުގައި ސެޕްޓެމްބަރު 4-15 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ބަންގްލަދޭޝްގެ ދާކާގައެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހައިލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް ބީ ގައެވެ.

ރާއްޖެއާއެކު ދެން ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާއެވެ. އޭގެ ތެރެއިން އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމެވެ. އެޓީމު ވަނީ ހަތް ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލައިފައެވެ.

ގްރޫޕް އޭ ގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.

މުބާރާތުގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗު އޮންނާނީ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ލަންކާއާ ދެކޮޅަށެވެ. އިންޑިއާއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅޭ މެޗަށް ނުކުންނާނީ އޭގެ ދެ ދުވަސް ފަހުންނެވެ.

ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް އުފުލާލީ 2008 ވަނަ އަހަރުގައެވެ. އެ އަހަރުވެސް ރާއްޖެ ދިޔައީ އިންޑިއާ އެއް ގްރޫޕަކަށެވެ. ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން މާލޭގައި ރާއްޖެ ބަލިވި ނަމަވެސް ރާއްޖެވަނީ ސެމީއަށް ދަތުރުކޮށްފައެވެ. އަދި ސެމީގައި ރާއްޖެއިން ލަންކާ ބަލިކުރި އިރު، ފައިނަލްގައި ރާއްޖެ ތަށި ނެގީ އިންޑިއާ ބަލިކޮށްގެންނެވެ.

މިއީ ސާފް ޗެމްޕިއަންޝިޕްގެ 12 ވަނަ މުބާރާތެވެ. އެ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންނަކީވެސް އިންޑިއާއެވެ.