ރަމަޟާން މަހާ ދިމާކޮށް މީޑިއާނެޓުން ކުރިއަށް ގެންދާ ރޯދަ ހަދިޔާ ޕްރޮމޯޝަން ފަށައިފިއެވެ. މިއަދުން ފެށިގެން އަންނަ މަހުގެ 18 އަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް މިއަހަރު ވެސް ކަނޑައަޅާފައިވަނީ ދެމީހަކަށް ދުބާއީ ދެކޮޅު ޓިކެޓް (5 ދުވަސް، 4 ރޭ) އެވެ.

މީޑިއާނެޓުގެ ރޯދަ ޕްރޮމޯޝަނާ ގުޅޭގޮތުން އެ ކުންފުނިން ބުނީ ޕްރޮމޯޝަން ކުރިއަށް ގެންދާއިރު ކޮންމެ ހަފްތާއަކުވެސް އިތުރު އިނާމުތަކެއް ދޫކޮށްލާނެ ކަމަށެވެ. އެގޮތުން ކޮންމެ ހަފްތާއަކުވެސް ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ޓީވީ އަދި އައިޕެޑު ލިބޭނެއެވެ.

"ވީކްލީ ޕްރައިޒްތަކުގެ ގޮތުގައި މި ދޫކޮށްލަނީ ތިން ޓީވީއެއް ކޮންމެ ހަފްތާ އަކުވެސް. އެއީ 55 އިންޗި، 50 އިންޗި އަދި 43 އިންޗި. ހަތަރު ހަފްތާގައިވެސް، ކޮންމެ ހަފްތާއަކު ތިން ޓީވީ ދޫކޮށްލާނެ،" މީޑިއާނެޓުން ބުންޏެވެ.

ޓީވީ ލިބޭ ގުރުއަތުލުމުގައި ބައިވެރިވެވޭނީ މީޑިއާނެޓުގެ ފެމެލީ ޕެކޭޖުން ފެށިގެން މަތީގެ ޕެކޭޖުތައް ނަންގަވާ ކަސްޓަމަރުންނަށެވެ.

މީގެ އިތުރުން ކޮންމެ ހަފްތާއަކު އައިޕެޑެއްވެސް މި ޕްރޮމޯޝަނުގެ ދަށުން ދޫކޮށްލާނެއެވެ. އައިޕެޑު ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މީޑިއާނެޓް ފުލް ޕެކޭޖު ނަންގަވާ ކަސްޓަމަރުންނަށެވެ.

މީގެ އިތުރުން ދުބާއީ ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަނުގައި ވެސް ބައިވެރިވެވޭނީ ފުލް ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ކަމަށް މީޑިއާ ނެޓުން ބުނެއެވެ.

މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކުވެސް އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ސަޕްރައިޒް އިނާމެއް ދިނުމަށްވެސް މީޑިއާނެޓުން ވަނީ ނިންމައިފައެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މީޑިއާނެޓާ އަލަށް ގުޅޭ ކަސްޓަމަރުންނާއި މިހާރު ތިބި ކަސްޓަމަރުންގެ ތެރެއިން ސާވިސް ސެންޓަރަށް ބިލު ދައްކަންދާ ކަސްޓަމަރުންނަށެވެ.

މި ޕްރޮމޯޝަނުގައި މުޅި ރާއްޖޭގައި ތިބި މީޑިއާނެޓުގެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ.

މީޑިއާނެޓުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުން ބަލާހިތްވާ ފަދަ ކޮންޓެންޓު ފޯރުކޮށްދީ، ކަސްޓަމަރުން ބޭނުންވާނެފަދަ ފަދަ ޕްރޮމޯޝަންތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.