19 Apr 2018, 17:21
ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ މުބާރާތެއްގައި ވާދަކުރުމަށް މިއަދު ކުވައިތަށް ގޮސްފިއެވެ.
ރާއްޖޭ ޓީމު ކުވައިތަށް މިއަދު ދިޔައީ ލަންކާގައި ކުރިއަށް ގެންދިޔަ ތަމްރީން ކޭމްޕަކަށް ފަހުގައެވެ. ރާއްޖޭގައި ފަސް ވަރަކަށް މަސް ދުވަހުގެ ތަމްރީނުތަކަށްފަހު ރާއްޖޭ ޓީމު ލަންކާއަށް ދިޔައީ ހަފްތާއެއް ދުވަހު ލަންކާގައި ހޭދަކުރުމަށް ފަހުގައެވެ.
ލަންކާގައި ހޭދަކުރި ހަފްތާގައި ރާއްޖޭގެ ޓީމު ވަނީ އެކުވެރިކަމުގެ ފަސް މެޗެއް ކުޅެފައެވެ. ލަންކާއަކީ ކްރިކެޓްގައި ދުނިޔޭގެ ލެވެލްގައި ފާހަގަ ކޮށްލެވޭ ގައުމަކަށް ވާ އިރު، ރާއްޖެ ކުޅެފައި ވަނީ ލަންކާގެ އެންމެ މަތީ ލެވެލް، މާސެންޓައިލް ލެވެލް، ދެވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަންގެ ޓީމުތަކާ ދެކޮޅަށެވެ.
މާސެންޓައިލް ލީގުގެ ޓީމު އަދި ފުރަތަމަ ޑިވިޝަންގެ ޓީމާ ދެކޮޅަށް ކުޅުނު ދެ މެޗުން ރާއްޖެ ބަލިވި ނަމަވެސް ލަންކާގެ ދެވަނަ ޑިވިޝަންގެ ދެ ޓީމާއެކު ކުޅުނު މެޗާއި ތިން ވަނަ ޑިވިޝަނާއެކު ކުޅުނު މެޗުން ރާއްޖޭގެ ޓީމު ވަނީ މޮޅުވެފައެވެ.
ރާއްޖޭ ޓީމު މިއަދު ލަންކާއަށް ދިއުމަށްފަހު މީޑިއާއާ ވާހަކަ ދައްކަމުން ކެޕްޓަން ހަސަން އިބްރާހީމް ބުނެފައި ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް އޭނާގެ އިތުބާރު އެބައޮތް ކަމަށާއި، ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.
ލަންކާގައި ރާއްޖެ ކުޅެފައިވަނީ ވިނަ ޓާފް ގްރައުންޑެއްގައި ކަމަށް ވުމުން އެކަން ވެފައި ވަނީ ޓީމަށް ލިބުނު ވަރަށް ރަނގަޅު ތަޖްރިބާއަކަށެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކުވައިތާ ދެކޮޅަށެވެ.
ކެޕްޓަން ހަސަން ބުނީ ކުވައިތަކީ މުބާރާތް ބާއްވާ ގައުމުކަމަށް ވުމުން ، ފުރަތަމަ މެޗުގައި އެޓީމާ ދެކޮޅަށް ކުޅެން ޖެހުމަކީ އިތުރު ޗެލެންޖެއް ކަމަށެވެ.
ކުވައިތުގައި މާދަމާ ފަށާ މުބާރާތަކީ " އައިސީސީ ވޯލްޑް ޓީ20"ގެ އޭޝިއަން ސަބް ރީޖަނަލް ކޮލިފަޔާސްއެވެ.
މި ރީޖަނުން ރާއްޖޭގެ ޓީމު ވާދަކުރަން ޖެހޭނީ، މުބާރާތް ބާއްވާ ގައުމު ކުވައިތުގެ އިތުރުން ދުބާއީއާއި ސައުދީ އަރަބިޔާ އަދި ގަތަރާއެވެ. މި މަހު 20 އިން 27އަށް ކުވައިތުގައި ކުރިއަށްދާ މުބާރާތުގެ އެންމެ މޮޅު ތިން ޓީމު ވޯލްޑް ކަޕްގެ ކޮލިފައިން ފައިނަލް ބުރަށް ކޮލިފައިވާނެއެވެ.
މުބާރާތުގައި ރާއްޖޭގެ ޝެޑިއުލް:
20 އޭޕްރީލް - ދިވެހި ރާއްޖެ/ ކުވައިތު
21 އޭޕްރީލް - ދިވެހި ރާއްޖެ/ ޤަތަރު
23 އޭޕްރީލް - ދިވެހި ރާއްޖެ/ ދުބާއީ
26 އޭޕްރީލް - ދިވެހި ރާއްޖެ/ ސައުދީ އަރަބިޔާ