އިންޑިއާގައި ދާދި ފަހުން އަށް އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށް މަރާލި ހާދިސާއަކީ މުޅި އެގައުމަށްވެސް ސިހުން ގެނެސްދިން ހާދިސާއެކެވެ. އެ ހާދިސާއިން އެންމެ ބޮޑަށް ސިހުން ލިބިގެންދިއައީ، އިންސާނިއްޔަތުކަމުގެ އަމަލުގެ ފަހަތުގައި ދީނީ ހަމަނުޖެހުން އޮތުމެވެ. ހާއްސަކޮށް އެ ހާދިސާގައި ތުހުމަތު ކުރެވުނު މީހުން ދޫކޮށްލުމަށް ހަރުކަށި ހިންދޫންގެ ބަޔަކު ގޮވާލުމުން، އިންޑިއާގެ މުސްލިމުންނާ ހިންދޫންނާ ދެމެދު އޮންނަ ރުޅިވެރިކަން ހުޅުފަޅައިގެންގޮސްފައިވާކަން ވަނީ އެނގިގެން ގޮސްފައެވެ.

މި އަހަރުގެ ޖެނުއަރީ މަހު 10 ވަނަ ދުވަހު ގެއްލުނު އާސިފާ ބަނޯ ފެނުނީ އޭގެ ހަފްތާއެއް ފަހުން ކަޝްމީރުގެ ކަތުއާ ސަރަހައްދު ކައިރީގައި ހުރި ޖަންގައްޔަކަށް އެއްލާލައިފައި އޮއްވައެވެ. ނަމަވެސް އެ ހާދިސާ ހިނގި މަގްސަދު އެނގުނީ ވަރަށް ފަހުންނެވެ.

ފުލުހުންގެ ތަހުގީގުތަކުން މިހާރު ވަނީ މިއީ ދީނީ ހަމަނުޖެހުންތަކުގެ ތެރެއިން ހިނގި ހަމަނުޖެހުމެއް ކަމަށް ބުނެފައެވެ. އާސިފާގެ އާއިލާ އަކީ މުސްލިމް އާއިލާއަކަށް ވީތީވޭ، ހިންދޫ އަވަށްޓެރިން އެއާއިލާ އެ ސަރަހައްދު ކައިރީ އުޅޭކަަށް ބޭނުމެއް ނުވި އެވެ. ފުލުހުން ބުނީ އާސިފާ ރޭޕްކޮށް މަރާލީ، އޭނާގެ އާއިލާ ބިރުގަންނުވައިގެން އެ ސަރަހައްދު ދޫކޮށް ދިއުމަށް މަޖުބޫރުކުރުވުމަށް ކަމަށެވެ.

ރޭޕްކޮށް މަރާލި އާސިފާ ބަނޯއަށް އިންސާފު ހޯދައިދިނުމަށް އެދި މުޒާހަރާކުރަނީ--

އިންޑިއާގެ ކަޝްމީރުގެ ކަތޫއާ ސަރަހައްދުގައި ހިނގި އެ ހާދިސާގެ ތަހުގީގަށް މިހާރު ވަނީ ދީނީ ގޮތުންނާއި ސިޔާސީގޮތުން ނުފޫޒުފޯރައިފައެވެ. އާސިފާ ރޭޕްކޮށް މަރާލި މީހުންނަކީ މުޖިރިމުން ނޫންކަން ދައްކަން ކިތަންމެ ބަޔަކު ދަނީ މަސައްކަތްކުރަމުންނެވެ. އިންޑިއާގެ ސިޔާސީ ފަރާތްތަކާއި އަދި އެފަރާތްތަކަށް ސަޕޯޓްކުރާ މީހުން ދަނީ އެ މައްސަލަ އޮއްބާލުމަށްޓަކައި ތަފާތު ބަހަނާތައް ދައްކަމުންނެވެ.

"އިންޑިއާގެ އާސާމްގައި މުސްލިމަކުވެސް ވަނީ ރޭޕްކޮށްފައި. ކީއްވެ މުސްލިމުން އެވާހަކަ ނުދައްކަނީ.؟" މިއީ އިންޑިއާގައި މިހާރު އެންމެ ބޮޑަށް ކުރަމުންދާ އެއް ސުވާލެވެ.

ތެދެކެވެ. އެ ހާދިސާގައި ރޭޕްކުރީ މުސްލިމެކެވެ. ނަމެވެސް މުސްލިމު އެއްވެސް ޖަމާއަތަކުން އޭނާގެ ދިފާއުގައި ވަކާލާތުކުރަމުންދާތަނެއް ނުފެނެއެވެ.

އިންޑިއާގައި ދިމާވާ އެކިއެކި ހާދިސާތަކުގައި މުސްލިމުންނާ މެދު ތަފާތު ނަޒަރަކުންދެކޭތަން މިހާރު ވަނީ ވަރަށް ބޮޑަށް ފެންނަން ފަށައިފައެވެ. މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އިންޑިއާއަށް އެތެރެވި ރޮހިންގާ މުސްލިމުންނާމެދު ދެކެނީ އެ ބީދައިންނެެވެ. އެފަދަ ފަރާތްތަކުން ދުށްގޮތުގައި އެ މީހުންނަކީ ހާލުގައިޖެހިފައިވާ ބައެއް ނޫނެވެ. ނަމަވެސް އެއީ މުސްލިމުންނެވެ. އިންޑިއާގައި ހުންނަ ބާބްރީ މިސްކިތްތަޅާލުމަކީވެސް ކުށެއް ނޫންކަމަށް އެމީހުން ދެކެއެވެ. އިނގިރޭސިންނާ ދެކޮޅަށް ހަނގުރާމަކުރި މަޝްހޫރު ޓިޕޫ ސުލްތާން ރަސްގެފާނަކީ ބަތަލެއް ވެސް ނޫނެެވެ. އެއީ އޭނާއަކީ މުސްލިމަކަށްވީމައެވެ.

ކަތޫއާގައި ހިނގި ރޭޕްގެ މައްސަލަ ހޫނުވެފައިވާއިރު، ކަޝްމީރުގެ ޖައްމޫގެ ހިންދޫން ދަނީ އެ މައްސަލަ ޖައްމޫ އެންޑް ކަޝްމީރުގެ ފުލުހުން ބެލުމުގެ ބަދަލުގައި އިންޑިއާގައި ބޮޑެތި ކުށްތައް ތަހުގީގު ކުރާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ތަހުގީގުކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް ކަޝްމީރުގައި އިންޑިއާ ސިފައިން ހިންގާ އާންމުން މެރުން ފަދަ އަނިޔާވެރި އަމަލުތައް ތަހުގީގުކުރުމަށް ޖައްމޫގެ ހިންދޫން ގޮވާލައިފައެއް ނުވެއެވެ.

ދީނީ ހަމަނުޖެހުންތައް ބޮޑު އިންޑިއާގައި، ގެރިމަސް ކާކަމަށް ބުނެ ދޭތެރެ ދޭތެރެއިން މުސްލިމުން މެރުމުގެ ހާދިސާތައްވެސް ހިނގައެެވެ. ނަމަވެސް އެފަދަ ހާދިސާތަކަށް އިންޑިއާގެ މީޑިއާތަކުންވެސް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

ކަތޫއާގައި ހިނގި ލާ އިންސާނީ އަމަލު މިއަހަރު ހިނގިއިރު، މިދިއަހަރު ވެސް ރޭޕްގެ މައްސަލައެއްގައި މުޅި އިންޑިއާ ވަނީ ސިއްސުވާލާފައެެވެ. އިންޑިއާގެ މަޝްހޫރު ދީނީ ލީޑަރެއް ކަމަށްވާ ރާމް ރަހީމް ސިންގްގެ މައްޗަށް ރޭޕްގެ މައްސަލަ ސާބިތުވެ ކޯޓުން ހުކުމް އިއްވުމާއެކު އިންޑިއާގެ އުތުރު ސަރަހައްދު ހީވީ ހުޅުފަޅައިގެންދިއަހެންނެވެ. ރާމް ރަހިމް ސިންގްއަށް ސަޕޯޓްކުރާ އެތައް ބަޔަކު މަގުތަކަށް ނުކުމެ އެކި ތަންތަނުގައި ރޯކުރި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލުނެެވެ.

ރޭޕްގެ ކުށް ސާބިތުވި އިންޑިއާގެ ދީނީ ލީޑަރު ރާމް ރަހިމް ސިންގް--

ފަހަަކަށް އައިސް އިންޑިއާގެ އެކި ބޮޑެތި ކުށްވެރިން ކުށުން ބަރީއަވުމަށް "ދީން" ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ މައްސަލައިގައި އެގައުމުގެ އިންސާނީ ހައްގުތަަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ދަނީ ވަރަށް ބޮޑަށް އެކަން ނކުށްވެރިކުރަމުންނެވެ. ކޮންމެ ދީނެއްގެ މީހަކުވެސް ކުށެއް ކޮށްފިނަމަ، އެމީހަކަށް ގާނޫނު ހިނގުމަކީ އެ އެކްޓިވިސްޓުންގެ އެންމެ ބޮޑަށް އަޑުއުފުލަމުންދާ އެެއް ކަމެވެ.

ތެދެކެވެ. އިންޑިއާގައި އުޅެނީ ހަމައެކަނި ހިންދޫން އެކަންޏެއް ނޫނެވެ. މުސްލިމުންވެސް އިންޑިއާގެ އާބާދީގައި ބޮޑު ހިއްސާއެއް ވެއެވެ. އެންމެ ބޮޑު ޑިމޮކްރަސީއަށް ދައުވާކުރާ ގައުމު ވާންޖެހޭނީ ހުރިހާ ރައްޔިތުންގެ ގައުމަކަށެވެ.