މިސަރުުކާރުން އެތައް ބިލިއަން ރުފިޔާއެއްގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު އެންމެ ބޮޑު މަޝްރޫއަކީ އިސްލާމްދީން ހިމާޔަތްކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަމެން ރައީސް ޔާމީނާއެކު" ގެ ނަމުގައި ތ. ވޭމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އިސްލާމްދީން ހިމާޔަތްކުރުމަށް މި ސަރުކާރުން ހިންގާ މަޝްރޫއަކީ އަގު ނުކުރެވޭނެ މަޝްރޫއެއް ކަމަށެވެ.

"މި މަޝްރޫއަކަށް އަގެއް ނެތް. މިއީ އަގުނުކުރެވޭ މަޝްރޫއެއް. އެހެންވީމަ ދިވެހި ހުރިހާ ރައްޔިތުން އެބަޖެހޭ މިކަމާ ވިސްނަން. މި ހުރިހާ މަޝްރޫއަކަށްވުރެ [އުމުރާނީ ތަރައްގީގެ] މި މަޝްރޫއުގެ އަގު ބޮޑު. އިސްލާމް ދީން ހިމާޔަތް ކުރުމަށް ކުރިއަށް މި ގެންދަވަނީ އަގު ނުކުރެވޭނެ ވަރުގެ މަޝްރޫއެއް،" މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީން އިސްލާމްދީން ހިމާޔަތް ކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކާ ހެދި އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް އިދިކޮޅު ކޯލިޝަނުން ނުދެއްކި ނަމަވެސް ވާދަކުރާނެ ކަމަށް ބުނާ، ކުރިން ވެރިކަން ކޮށްފައި ހުރި ބޭފުޅަކަށް އަލުން ވެރިކަން ކުރުމަށް ފުރުސަތު ދީފިނަމަ ރާއްޖެއަށް އިސްލާމްދީން ނޫން އެހެން ދީންތައް ގެންނާނެ ކަމަށެވެ.

"އިދިކޮޅަށް ނިކުންނާނެ ކަމަށް ވާހަކަ ދައްކާ ކެންޑިޑޭޓަކީ ނޫނިއްޔާ އެފަރާތަށް ނިސްބަތްވާ ޕާޓީއަކީ މީގެ ކުރިން ދިވެހި ރައްޔިތުން ފުރުސަތު ދިނުމުން މި ގައުމުގައި އޮތް އިސްލާމްދީނަށް ކުޑައިމީސްކޮށް އިސްލާމްދީން ނައްތާލުމަށް އަދި އެހެން ދީންތައް ފެތުރުމަށް މަސައްކަތްކުރި ސަރުކާރު،"މުއިއްޒު ވިދާޅުވިއެވެ.

"ހަމަޔަގީނުންވެސް ކަށަވަރުވެ މުޖައްރިބުވާ ޔަގީން ކަމަކީ އެފަރާތަށް މިގައުމުގައި ދެން ފުރުސަތެއް ދެވިއްޖެ ނަމަ ހަމަ ޔަގީނުންވެސް މިގައުމުގައި އިސްލާމް ދީން ނޫން ދީންތައް އޮންނާނެކަން. އެއީ ޝައްކުނުކުރެވޭނެ ކަމެއް،"

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޑަވެލި ދާއިރާގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް ގާނޫނު އަސާސީގެ އިމުގެ ތެރެއިން ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެ މަޝްރޫއުތައް ހިންގަން ބަޖެޓު ކަނޑައެޅުމަށް އިދިކޮޅު މަޖިލިސް މެމްބަރުން ވޯޓު ނުދޭކަމަށް އޭނާ ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މަސައްކަތްކުރަނީ ރައްޔިތުންގެ ފައިދާ އަށް ނޫން ކަމަށެވެ.

"ރައީސް ޔާމީނަކީ ގައުމުދެކެ ލޯބިވާ އިސްލާމްދީނަށް ނަސްރު ދިނުމަށް މަސައްކަތް ކުރައްވާ ވެރިއެއް. ރާއްޖޭގެ ވެރިއަކަށް ހުންނަވަންޖެހޭނީ މި ޝަރުތުތައް ހަމަވާ ވެރިއެއް،" މުއާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން 2018 އަށް ނިކުންނަވަނީ ނަތީޖާ ދައްކަވާފައި ކަމަށެވެ. ދިވެހިން ބޭނުންވަނީ ރާއްޖެ ބަދަލުކުރައްވާނެ ވެރިއެއް ކަމަށާއި ރައީސް އެގަންދަވަނީ އެކަން ކުރައްވަމުން ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.