ތޭރަ އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ފޭސްބުކްއިން ޑިވެލޮޕްކޮށްފައިވާ "މެސެންޖާ ކިޑްސް" ކުދިންނަށް ބޭނުންކުރެވޭނެ ގަޑިތައް ބެލެނިވެރިންނަށް ކޮންޓްރޯލު ކުރެވެނެގޮތަށް "ސްލީޕް" ފީޗާއެއް ތައާރަފްކޮށްފިއެވެ.

މިގޮތުން ޓެބްލެޓް ނޫނީ ފޯނު ކުއްޖާ އަތުގައި އޮތްނަމަވެސް ވަކި ގަޑިތަކެއްގައި އެޕްލިކޭޝަން ބޭނުން ނުކުރެވޭގޮތަށް އޮޓޯއިން ނިއްވައިލެވޭނެ ގޮތް ބެލެނިވެރިންނަށް ހެދޭނެއެވެ.

ސްލީޕް މޯޑަށް ލުމުން އެއްވެސް މެސެޖެއް ނުފޮނުވޭނެއެވެ. އަދި މެސެޖް ނުލިބޭނެއެވެ. އެޕް ހުޅުވަން މަސައްކަތް ކުރާނަމަ އެޕް ވަނީ ސްލީޕް މޯޑަށް ލެވިފައިވާކަން އަންގައިދޭ މެސެޖެއް ފެންނާނެއެވެ.

މި ބަދަލު ގެނައީ ބެލެނިވެރިންގެ އެދުމުގެ މަތިންކަމަށް ފޭސްބުކްއިން ބުނެއެވެ. ބެލެނިވެރިން ބޭނުންވީ ކުދިން މެސެންޖާ ބޭނުންކުރާ ވަގުތު ލިމިޓްކޮށް އިތުރު ކޮންޓްރޯލު ބެލެނިވެރިންނަށް ލިބުން ކަމަށް ފޭސްބުކްއިން ބުނެއެވެ.

މެސެންޖާ ކިޑްސް ބޭނުންކުރެވެނީ ހަ އަހަރާ 13 އަހަރާ ދެމެދުގެ ކުދިންނަށެވެ. އެކުދިންގެ އެޕްލިކޭޝަން އިންނާނީ ބެލެނިވެރިއެއްގެ އެކައުންޓާ ގުޅިފައެވެ. ބެލެނިވެރިޔާއަށް ކުދިން ކުރާ ނުކުރާ ކަންކަން ބަލައި މޮނީޓާ ކުރެވޭނެއެވެ.

ކުދިންގެ ޅަ އުމުރު އެކުދިން އިންޓަނެޓަށް އަހުލުވެރިކުރުމާއި ސޯޝަލް މީޑިއާ ބޭނުންކުރުމަށް ތަރުހީބު ދިނުމަކީ ކުދިންގެ އުޅުމަށާއި ވިސްނުމަށް އަދި ހެދިބޮޑުވުމަށްވެސް އަސަރުކުރާނެ ކަމެއް ކަމަށް ބުނެ އެ އެޕްލިކޭޝަން ހުއްޓާލުމަށްވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލައިފައެވެ.