އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ގްރޫޕް އެކެއްގެ އެއްވަނައަށް ތ. ތިމަރަފުށި ޖެހިލައިފިއެވެ.

ތިމަރަފުށިން ގްރޫޕްގެ އެއްވަނައަށް ޖެހިލީ އިއްޔެ ކުޅުނު މެޗުގައި ގދ. ހޯނޑެއްދޫގެ މައްޗަށް ހޯދި ބޮޑު މޮޅާއެކުގައެވެ.

ފ. ނިލަންދޫ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ތިމަރަފުށިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. އިއްޔެގެ މެޗުގައި ތިމަރަފުށީގެ ގޯލްތައް ޖަހައިދިނީ އަބްދުލްނާސިރު އަލިފުޅުގެ އިތުރުން އަހުމަދު ހައި އަދި އަބްދުﷲ މުނާޒެވެ.

އިއްޔެގެ މެޗުން މޮޅުވެ ތިމަރަފުށިން ވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިފައެވެ. ގްރޫޕް އެކެއްގެ ދެވަނައިގައި އޮތް ނިލަންދުއަށް ތިން މެޗުން ލިބެނީ ފަސް ޕޮއިންޓެވެ. ތިން ވަނައިގައި ސ. ހިތަދޫ އޮތީ ދެ މެޗު ކުޅެ ހަތަރު ޕޮއިންޓާ އެކުގައެވެ. ހަތަރު ވަނައިގައި އޮތް ދ. ކުޑަހުވަދުއަށްވެސް އަދި ސެމީގެ ފުރުސަތު ނުގެއްލެއެވެ. އެޓީމަށް ތިން މެޗުން ލިބެނީ ހަތަރު ޕޮއިންޓެވެ.

މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލިވެ، ހޯނޑެއްދޫ ވަނީ މުބާރާތުން ކަޓައިފައެވެ.

ށ. ފޯކައިދޫގައި ކުރިއަށްދާ ގްރޫޕް ދޭއްގައި އިއްޔެ ކުޅުނީ އދ. ފެންފުއްޓާއި ހއ. މުރައިދުއެވެ. އިއްޔެގެ މެޗަށް ނުކުތުމުގެ ކުރިން މުބާރާތުގައި ކުޅުނު ދެ މެޗުންވެސް ބަލިވެ، އެ ދެޓީމުވެސް އޮތީ ކަޓައިފައެވެ.

އިއްޔެގެ މެޗު މުރައިދޫން ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ. މެޗުގައި މުރައިދޫގެ އިސްމާއީލް ފަތީ އަދި ޝާފިއު މުހައްމަދުވެސް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖަހައިފައެވެ.

ފެންފުށީގެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އާދަމެވެ.

ފައިނަލް ބުރުގެ ގްރޫޕް ދޭއްގެ އެއް ވަނައިގައި މިވަގުތު އޮތީ އއ. މާޅޮހެވެ. ގްރޫޕްގެ ދެވަނައިގައި އޮތީ ށ. ފޯކައިދުއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ފ. ނިލަންދުއާއި، ތ. ތިމަރަފުއްޓާއި، ދ. ކުޑަހުވަދުއާއި، ގދ. ހޯނޑެއްދޫ އަދި ސ. ހިތަދުއެވެ. ގްރޫޕް އެކެއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނިލަންދޫގައެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ށ. ފޯކައިދުއާއި، އދ. ފެންފުއްޓާއި، އއ. މާޅޮހާއި، ހއ. މުރައިދޫ އަދި ބ. ފެހެންދޫއެވެ. ގްރޫޕް ދޭއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫގައެވެ.

ދެ ގްރޫޕުގެ މެޗުތަކަށްފަހު ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގައި ގްރޫޕް އެކެއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ގްރޫޕް ދޭއްގެ ދެވަނަ ހޯދާ ޓީމު ނުކުންނަން ޖެހޭ އިރު، ގްރޫޕް ދޭއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ނުކުންނަން ޖެހޭނީ ގްރޫޕް އެކެއްގެ ދެވަނަ ހޯދާ ޓީމެވެ. ސެމީން ޖާގަ ހޯދާ ހަތަރު ޓީމަށްވެސް މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެއެވެ.

މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ ދެ މެޗު މިއަދުވެސް އޮންނާނެއެވެ. ނިލަންދޫ ދަނޑުގައި އޮންނަ ގްރޫޕް އެކެއްގެ މެޗުގައި ވާދަކުރާނީ ދ. ކުޑަހުވަދުއާއި ސ. ހިތަދުއެވެ.

ފޯކައިދޫ ދަނޑުގައި އޮންނަ ގްރޫޕް ދޭއްގެ މެޗުގައި ވާދަކުރާނީ އއ. މާޅޮހާއި ބ. ފެހެންދުއެވެ.