މިދިޔަ އަހަރުގެ އޭޕްރީލް މަހު ތުރުކީގެ ސަރުކާރުން އެގައުމުގައި ވިކިޕީޑިއާ ބްލޮކު ކޮށްލީ ކުއްލިއަކަށެވެ. ތުރީގައި ހިނގި ދާޚިލީ ހަމަނުޖެހުންތާ ގުޅިގެން ވަޓްސް އެޕް އާއި ފޭސްބުކް، އިންސްޓަގްރާމް އަދި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާގެ މަގުބޫލު ޕްލެޓްފޯމުތައް ވަނީ އެކި ފަހަރު މަތިން ބްލޮކް ކޮށްފަ އެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލު އިންފޮމޭޝަން ވެބްސައިޓް ވިކިޕީޑިއާ ތުރުކީގައި ބްލޮކު ކޮށްފައި އޮންނަތާ މި ހަފްތާގެ އާދިއްތަ ދުވަހަށް އެއް އަހަރު ވީއިރު އެ ގައުމުގައި އެ ވެބްސައިޓް ބްލޮކްކޮށްފައި ވަނީ ޓެރަރިސްޓުންނަށް ތުރުކީ އިން ވާގިވެރިވާކަމަށް ބުނި ތުރުކީ އާ ގުޅޭ މައުލޫމާތުތަކެއް ވިކިޕީޑިއާ ގައި ޝާއިއުކޮށްފައިވާތީ، އެ މައުލޫމާތު ނަގަން ތުރުކީގެ ކަމާ ބެހޭ ފަރާތްތަކުން އެދުމުން، އެކަމަށް އިޖާބަ ދީފައި ނުވާތީ އެވެ.

ވިކިޕީޑިއާ ހިންގާ ވިކިމީޑިއާ ފައުންޑޭޝަން އިން އަންނަނީ ތުރުކީގައި ވިކިޕީޑިއާ އަލުން ބޭނުންކުރަން ފެށޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

ތުރުކީގައި ވިކިޕީޑިއާ ބްލޮކުކޮށްފައި ވާތީ، އެ ގައުމުގެ ރައްޔިތުންނަށް ބައެއް މައުލޫމާތު ހޯދުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވެސް ވިކިމީޑިއާ އިން ބުނެ އެވެ. އެ ކުންފުނީގެ ކޮމިއުނިކޭޝަން މެނޭޖަރު ސެމެންތާ ލިއެން ވިދާޅުވީ ތުރުކީގައި ވިކިޕީޑިއާ ހުޅުވާލުމާ ގުޅޭ ގޮތުން ކުރަމުން އަންނަ މަޝްވަރާތަކަށް އަލިމަގެއް ފެނިފައި ނުވާ ކަމަށެވެ. އަދި އެކުންފުނިން ތުރުކީ ސަރުކާރާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަވެސް ކުރިއަށް ނުދާކަމަށް އެނާ ވަނީ ވިދާޅުވެފަ އެވެ.

ތުރުކީ އަށް 2016 ވަނަ އަހަރު ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން އެތައް ސަތޭކަ މީޑިއާ އެއްވެސް ވަނީ ބަންދުކޮށްފަ އެވެ.