01 May 2018, 19:43
ބޮލީވުޑް ބަތަލާ ސޯނަމް ކަޕޫރު އަދި ލޯބިވެރިޔާ އާނަންދު އަހޫޖާ މެއި އަށް ވަނަ ދުވަހު ކައިވެނި ކުރާނެކަން ދެފަރާތުގެ އާއިލާ އިން ޔަގީންކޮށްދީފި އެވެ.
ދެފަރާތުގެ އާއިލާ އިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޯނަމް އާއި އާނަންދުގެ ކައިވެނި ކުރެވިގެންދާނީ މުމްބާއީގައި ކަމަށެވެ.
"ކަޕޫރު އަދި އަހޫޖާ އާއިލާ އިން ވަރަށް އުފަލާއެކު ސޯނަމް އާއި އާނަންދުގެ ކައިވެނީގެ ޚަބަރު މި ދެނީ. ކައިވެނި އޮންނާނީ މެއި 8 ވާ ދުވަހު މުމްބާއީގައި،" އެ ބަޔާނުގައިވެ އެވެ.
ކައިވެންޏަކީ ވަރަށް ޕްރައިވެޓް ހަފްލާއެއް ކަމުން، ކައިވެނީގައި ބައިވެރިވާނީ ހަމައެކަނި ދެ ފަރާތުގެ އާއިލާ އާއި ގާތް އެކުވެރިން އެކަނި ކަމަށާއި، އެހެންކަމުން އެކަމަށް ހުރިހާ ފަރާތްތަކުން ވެސް އިހްތިރާމް ކުރުމަށް ބަޔާނުގައި ވަނީ އެދިފަ އެވެ.
މި މަހު ސޯނަމް އާއި އާނަންދު ކައިވެނި ކުރާނެ ކަމަށް ޚަބަރުތައް ބުނާތާ ދުވަސްތަކެއް ވެއްޖެ އެވެ. ވަރަށް ފަހުން ސޯނަމްގެ ކައިވެންޏަށް އެ ގެ ޒީނަތްތެރިކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް ވަނީ އާންމުވެފަ އެވެ.
ކައިވެނީގެ ކުރިން ހަލްދީ އަދި މެހެންދީ ވެސް ކުލަގަދޮކޮށް ބާއްވަން ނިންމައިފައި ވާއިރު ދެ ފަރާތުގެ އާއިލާ އިން އަންނަނީ ކައިވެންޏަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.