ކާރިސާ ފަދަ ދަނޑިވަޅުތަކުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއާޕޯޓްސް ކޮމްޕެނީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެއާޕޯޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއެވެ. އަދި ޑިޒާސްޓާ މެނޭޖްމަންޓުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ.

މިއީ ދެއަހަރު ދުވަހުގެ މުއްދަތަށް ވެެވުނު އެއްބަސްވުމެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ކާރިސާގެ ކަންތައްތައް ބެލެހެއްޓުމާއި، ކާރިސާތަކުން ވައިގެ ބަނދަރުތަކަށް ލިބިދާނެ ގެއްލުންކުޑަކުރުމާއެކު، އޭވިއޭޝަންގެ ދާއިރާގެ ކާރިސާތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރެވިގެން ދާނެ ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ކާރިސާގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ ވާކްޝޮޕް، މަހާސިންތާތަކާއި މީހުން ބިނާކުރުމަށް ހިންގޭ އެކިއެކި ތަމްރީން ޕްރޮގްރާމްތަކުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަަކަށް އެހީތެރިވެދިނުމާއެކު ކާރިސާގެ ކަންކަން ބެލެހެއްޓުމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެއާޕޯޓްސް ކޮމްޕެނީން ބުންޏެވެ.