03 May 2018, 10:43
ހުސްވި 2017 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުމާއެކު އިގްތިސާދުވެސް އޭގެ ކުރީ އަހަރާ އަޅާބަލާއިރު ކުރިއަށް ޖެހިލާފައިވާކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފިއެވެ.
އެ ބޭންކުން އާންމުކޮށްފައިވާ 2017 ވަނަ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދީ ދުވެހި 2016 ވަނަ އަހަރާ އަޅާބަލާއިރު 2017 ވަނަ އަހަރު އިތުރުވެފައިވާ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) 2016 ވަނަ އަހަރު ހުރީ 2.6 ޕަސެންޓުގައި ކަމަށާއި ނަމަވެސް މިދިޔަ އަހަރު ނިމުނު އިރު ޖީޑީޕީ 9.6 އަށް އަރާފައިވާ ކަމަށެވެ. ޖީޑީޕީ އިތުރުވި މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތް 2017 ވަނަ އަހަރުގެ ތެރޭގައިވަރަށް ބޮޑުތަން ކުރިއަރާފައިވުން ކަމަށާއި މީގެ އިތުރުން، އިމާރާތްކުރުމުގެ ދާއިރާ ފުޅާވުމާއި އިގްތިސާދުގައި މީހުން ހޭދަކުރާ މިންވަރު އިތުރުވުމަކީވެސް ޖީޑީޕީ އިތުރުވި ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިދިޔަ އަހަރު ވަނީ އަށް ޕަސެންޓް އިތުރުވެފައެވެ. މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް މިހާބޮޑު ކުރިއެރުމެއް އައި ފުރަތަމަ ފަހަރު ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ފަތުރުވެރިން ޒިޔާރަތްކުރި އަދަދު އިތުރުވިކަމަށް ބެލެވޭ އަނެއް ސަބަބަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ އިގްތިސާދު ރަނގަޅުވުން ކަމަށާއި ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއެކު ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ އަގު ހެޔޮވުމުގެ ސަބަބުންނާއި، ރާއްޖެއާއި އެހެން ގައުމުތަކާ ދެމެދު ކުރާ ވައިގެ ދަތުރުފަތުރު އިތުރުވުމާ ގުޅިގެން ވެސް ފަތުރުވެރިކަމުގެ ސިނާއަތަށް އެދެވޭ ކުރިއެރުމެއް އައިސްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. މިއާއެކު ފަތުރުވެރިކަމުން ލިބޭ އާމްދަނީ ފާއިތުވި ދެ އަހަރު ދަށަށް ދިއުމަށްފަހު މިދިޔަ އަހަރު އެ އާމްދަނީ ނުވަ ޕަސެންޓް އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން އިމާރާތް ކުރުމުގެ ސިނާއަތަށްވެސް މިދިޔަ އަހަރު ވަނީ ފާހަގަ ކުރެވޭ ކުރިއެރުމެއް އައިސްފައެވެ. އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އިމްޕޯޓު ކުރި މިންވަރު މިދިޔަ އަހަރު 24 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި އުމްރާނީ ތަރައްގީގެ މަޝްރޫއު ތަކާއެކު މި ސިނާއަތަށްވެސް ކުރިއެރުން އައިސްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
އިމާރަތް ކުރުމުގެ ދާއިރާ އެންމެ ބޮޑަށް ކުރިއަރާފައިވަނީ ޕަބްލިކް ސެކްޓާއިން ކުރިއަށްގެންދާ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ކަމަށާއި ބޭންކިން ނިޒާމުން މި ދާއިރާއަށް ދޫކުރާ ލޯނު އިތުރުވުމުގެ ސަބަބުން އަމިއްލަ ފަރާތްތަކުން ގެދޮރު އިމާރާތްކުރާ މިންވަރު އިތުރުވުމާއި، ފަތުރުވެރިމަކުގެ ދާއިރާ ފުޅާވުމުން ވެސް މި ދާއިރާއަށް ކުރިއެރުން އައިސްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވާގޮތުން މިދިޔަ އަހަރު ރާޢްހޭގެ އިންފްލޭޝަން ރޭޓް ވަނީ ފާހަގަ ކުރެވޭ މިންވަރަކަށް އުފުލިފައެވެ. މީގެ ސަބަބެއް ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ފަހުކޮޅު ސަރުކާރުން ކާޑުގެ ބާވަތްތަކަށްދެމުން އައި ސަބްސިޑީގެ ސިޔާސަތަށް ގެނައި ބަދަލާއި، 2017 ވަނަ އަހަރު ކުރީކޮޅު އެނާޖީ ބުއިންތަކުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ އިތުރުކުރުމެވެ.
ނަމަވެސް، މިދިޔަ އަހަރު ނިމުމާ ހަމައަށް އައި އިރު ސަބްސިޑީ ސިޔާސަތަށް ގެނެވުނު ބަދަލުގެ އަސަރު ކެނޑުމާއި، ޕެޓްރޯލް އަދި ޑީސަލްއިން ނަގާ އިމްޕޯޓް ޑިއުޓީ ދަށްކުރުމުގެ ސަބަބުން ކަރަންޓުގެ އަގު ވަރަށް ބޮޑުތަން ދަށްވެފައިވާތީ އިންފްލޭޝަން ރޭޓް ކޮންމެވެސް ވަރަކަށް މަޑުޖެހިލާފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.