03 May 2018, 20:30
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަން ރާވާ ހިންގުމަށްޓަކައި އެކަމުގައި އިސްކޮށް ހަރަކާތްތެރިވާނެ 199 ވިލަރެސްވެރިން ނަގަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރު އަދި އެ ކޮމިޝަންގެ ތަރުޖަމާން އަހުމަދު އަކްރަމް މިއަދު ވިދާޅުވީ، ވިލަރެސްވެރިންނަކީ އިލެކްޝަން ކޮމިޝަންގެ ފަރާތުން އަތޮޅުތަކާއި ސިޓީ އަދި ރަށްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނެ މީހުން ކަމަށެވެ.
އެގޮތުން މިއަހަރުގެ ރިޔާސީ އިންތިހާބަށް 199 ވިލަރެސްވެރިން ނަގަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެމީހުންގެ އެހީތެރިންގެ ގޮތުގައި 197 މީހުން ވެސް ނަގާނެ ކަމަށެވެ.
އަކްރަމް ވިދާޅުވީ، ވިލަރެސްވެރިންނާއި އެމީހުންގެ އެހީތެރިން ހޯދުމަށް އަންނަ އާދީއްތަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.
"އިލެކްޝަން ކޮމިޝަންގެ އުންމީދަކީ ވޯޓާސް ލިސްޓު އިއުލާން ކުރުމުގެ ކުރީން އިންތިހާބަށް ނަގާ ވިލަރެސްވެރިންނާއި އެހީތެރިން ނަގައި ނިންމުން،" އަކްރަމް މިއަދު ވިދާޅުވިއެވެ.
ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި މަހު ހުޅުވާލާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާނެ ތަންތަން އަދި އިލެކްޝަން ކޮމިޝަނުން ނިންމާފައެއް ނުވެއެވެ.
ނަމަވެސް އަކްރަމް މީގެ ކުރިން ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބުގައި ރާއްޖޭން ބޭރުގެ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެ ގައުމުތަކުން 200 އަށްވުރެ ގިނަ މީހުން ވޯޓު ލާން ރަޖިސްޓަރީ ކޮށްފިނަމަ ކަމަށެވެ.
އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓި ގައުމެއް ނަމަވެސް، 200 މީހުން ހަމަ ނުވާ ނަމަ މިފަހަރު ވޯޓު ފޮށި ނުބަހައްޓާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އަދި ވިދާޅުވީ، ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ވޯޓު ފޮށި ބަހައްޓާނީ ވޯޓުލާން މަދުވެގެން 100 މީހުން ރަޖިސްޓަރީ ކުރާނަމަ ކަމަށެވެ.