05 May 2018, 01:05
މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މި ފަހަކަށް އައިސް ހިނގި އެންމެ ބޮޑު އެއް ދުވަހެވެ. ރައީސް ޔާމީންގެ ވެރިކަން ނިންމާނެ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އެކި ފަހަރު މަތިން ތަފާތު ރޮކެޓް ފޮނުވި ނަމަވެސް، ސުޕްރީމް ކޯޓުން އެދުވަހު ކުރި ހުކުމަކީ ސަރުކާރަށް އިދިކޮޅު ކޯލިޝަނުން މިފަހުން ދިން އެންމެ ވަރުގަދަ ހަމަލާއެވެ.
އެ އަމުރާ ގުޅިގެން ބޮޑެތި ތުހުމަތުތަކެއްކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލު ގޮޅިއަށް ލާފައި ތިބިއިރު، އެ ބޭފުޅުންނާއެކު ރާއްޖޭގެ ސިޔާސީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުން ވެސް މިއަދު ތިބީ ކުޑަ ގޮޅީގައެވެ.
ކޮންމެ އަކަސް އެ ދުވަހުގެ ހާދިސާ އިން ރާއްޖޭގެ ސިޔާސީ މައިދާނަށް އެތެރެއިންނާއި ބޭރުން އައި ލޮޅުންތައް އެކި ބޭފުޅުން ސިފަ ކުރައްވަނީ އެކި ގޮތަށެވެ. ސަރުކާރުގެ އިސްބޭފުޅުންގެ އިތުރުން ރައީސް އަބްދުﷲ ޔާމީން ވެސް އެދުވަހު ހިނގި ކަންތައް ސިފަކުރައްވަނީ ބަޣާވާތެއްގެ ގޮތުގައެވެ. އެއީ ސަރުކާރަށް ދިން އުދުވާނީ ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައެވެ.
އެދުވަހުގެ ހާދިސާ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ސިފަކުރެއްވީ އެހެން ގޮތަކަށެވެ. އުފަންރަށް ފުވައްމުލައް ސިޓީގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި އެކެއް ފެބްރުއަރީގެ ހާދިސާ މަސީހު ސިފަކުރެއްވީ "ޑިމޮކްރަސީގެ ދަނޑުގައި" ކުޅުނު ވަރުގަދަ މެޗެއްގެ ގޮތުގައެވެ.
"މީގެ ދެ މަހެއްހާ ކުރިން ވަރަށް ވަރުގަދަ މެޗެއް ޑިމޮކްރަސީގެ ދަނޑުގައި ކަށިގަނޑު ފުމެލައިފި. ކުއްލިއަކަށް ދަނޑަށް އަރަން ޖެހުނީ ރައީސް ޔާމީން އެމަނިކުފާނުގެ ޓީމާއެކު. އަނެއްކޮޅުން ވަރަށް މޮޅަށް ރާވައި މޮޅު ގޮތްގޮތަށް ކުޅުންތެރިން ހޯދައިގެން ދަނޑަށް އެރީ،" އެކަލަސް މިކަލަސް ދެނަސް ރައީސް ޔާމީންގެ ނަމުގައި ބޭއްވި ޖަލްސާގައި ފުޓްބޯޅަ މެޗުގެ ވާހަކަ މަސީހު ފެއްޓެވީ މިހެންނެވެ.
"ކަށިގަނޑު ފުމެވި. ކުޅެން ފައްޓައިފި. ސަޕޯޓަރުން ނޭވާ ހިފަހައްޓައިގެން ތިބެނީ. 45 މިނެޓް ފުރަތަމަ ހާފު ނިމިއްޖެ. ލަނޑެއް އެކަމަކު ނުޖެހޭ. ގިނައިން އެކަމަކު ބޯޅަ މިއުޅެނީ ރައީސް ޔާމީން ކެޕްޓަން ދަށުގައި އޮތް ޓީމުގެ ކޮޅުގައި ބޯޅަ މި އޮންނަނީ. ބައެއް ފަހަރު އެ ޓީމުގެ ކުޅުންތެރިން ވެސް ލަނޑުޖަހަން އުޅޭހެން ހީވޭ ބައިކޮޅަށް،" މަސީހުގެ ކޮމެންޓަރީ ކުރިއަށް ގެންދެވި އެވެ.
އެންމެފަހުން ފޯރިގަދަ އެ މެޗު ކާމިޔާބު ކުރެއްވީ، މަސީހު ވިދާޅުވި ގޮތުގައި، ފަހު 10 މިނެޓްގެ ތެރޭގައި ރައީސް ޔާމީން ޖެއްސެވި ލަނޑުތަކުންނެވެ.
ފުޓްބޯޅައި އެ ފޯރީގައި މަސީހުގެ ވާހަކަފުޅު ނިންމަވައެއް ނުލައްވައެވެ. އޭނާ ވިދާޅުވީ، ރާއްޖެއާއި ދުނިޔޭގައި ވެސް މަދުން ނަމަވެސް މޮޅު ކުޅުންތެރިންތަކެއް ތިބި ނަމަވެސް، މޮޅު ކުޅުންތެރިންނާއި ކެޕްޓަނުންނަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައެއް ކަމަށެވެ.
އެގޮތުން ޑިމޮކްރަސީގައި މޮޅު ރައީސުންނަކީ ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ބައެއްކަން ފާހަގަކުރައްވައި މަސީހު ވިދާޅުވީ، ރައީސް ޔާމީނަކީ ރާއްޖޭގައި އެގޮތުން އަރާ ހުންނެވި ބޭފުޅެއްކަމަށާއި އެމަނިކުފާނަކީ ޕޮލިޓިކަލް ޖީނިއަސް އެއް ކަމަށެވެ.
އެގޮތުން، ރައީސް ޔާމީން ކުރައްވައި ބައެއް ކަންތައްތަކުން އިދިކޮޅު ފަރާތްތަކުން ލަނޑެއް ޖެހިދާނެ ކަމަށް ހީކުރި ނަމަވެސް ހަގީގަތަކީ އެ ކަންތައްތަކުން އެބޭފުޅުން އަމިއްލައަށް ސޯޓް ބޭލުންކަމަށް އޭނާ ވިދާޅުވި އެވެ.
"އެމަނިކުފާނުގެ ސްޓެޓަޖީތަކާއި އެމަނިކުފާނުގެ ޓެކްޓިކްސްތައް މި ގޭމު އަތުރާލިއިރު، ކުރީގެ މޮޅަށް ކުޅުއްވާފައި ތިއްބެވި ކުޅުންތެރިން، މިސާލަކަށް ގެރީ ލިނެކާމެންކަން ފަދަ ބޭފުޅުން ހީކުރައްވަނީ މިއަދު ދަނޑަށް އަރައިގެން ރައީސް ޔާމީނާއެކު ކުޅުއްވިދާނޭ. ކުޅުއްވަން އަރާއިރަށް މިވާގޮތަކީ އަނގަވަތައް ވެއްޓެނީ،" މަސީހު ވިދާޅުވި އެވެ.
މަސީހުގެ އެ މިސާލުގައި ވިދާޅުވި ގެރީ ލިނެކާއަކީ އިނގިރޭސިވިލާތުގެ ކުރީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އަދި މިހާރުގެ ދުނިޔޭގެ އެންމެ މަޝްހޫރު ސްޕޯޓްސް ހޯސްޓެވެ.
ލެސްޓާއިން 1978 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ގެރީއަކީ އެވަޓާން، ބާސެލޯނާ އަދި ޓޮޓެންހަމް ފަދަ ކުލަބްތަކަށް ކުޅެ 238 ގޯލު ޖަހާފައިވާ، ފީފާ ވޯލްޑު ކަޕްގައި އެންމެ ގިނަ ގޯލު ޖެހިކަމުގެ ރެކޯޑް އޮތް އިންގުލޭންޑުގެ ކުޅުންތެރިއާ އެވެ. އެގޮތުން އެއް މެޗެއްގައި އޭނާ ވަނީ 10 ގޯލު ޖަހައިފައެވެ.
ސޯޅަ އަހަރަށްފަހު ފުޓްބޯޅާ ކެރިއަރުން 1994 ވަނަ އަހަރު ގެރީ ރިޓަޔާވިއިރު، އޭނާ ވަނީ އިންގުލޭންޑުގެ ގައުމީ ޓީމަށް 80 މެޗު ކުޅެ ޖުމްލަ 48 ގޯލު ޖަހައިފައެވެ. އަދި އިންގުލޭންޑުގެ ލެޖެންޑެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ގެރީ އަކީ އޭނާގެ ދިގު ކެރިއަރުގައި އެންމެ ރީންދޫ އަދި ރަތް ކާޑެއް ވެސް ހޯދާފައިނުވާ ނަމޫނާ ކުޅުންތެރި އެކެވެ.