ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެ ވަނަ ދައުރަކަށް އިންތިޚާބުކޮށްފި ނަމަ ހަތަރު ވަނަ ގިޔަރުގައި ގޮސް މުޅި ރާއްޖެ ތަރައްގީކޮށް ނިންމާލާނެ ކަމަށް އެމްޑީއޭގޭ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ މައުރޫފް ވިދާޅުވީ މިއަދު ފެނިގެން ދަނީ އިދިކޮޅު ލީޑަރުން ވެރިކަން ހޯދުމަށް ދޮގާއި މަކަރު ހެދުމަށް ފަހު ރައްޔިތުންގެ ކައިިރިއަށް އައުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާއި އެ ފުރުސަތު އެ ފަރާތްތަކަށް ނުދެެއްވާނެ ކަމަށެވެ.

"މިއަދަކު އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެން މިތިބީ 2013ގައި ރައީސް ޔާމީނާ އެކީގައި ކޯލިޝަން ސަރުކާރެއް އުފައްދާފައި،" މައުރޫފް ވިދާޅުވި އެވެ.

އެމްޑީއޭ އާއި އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދަށް ތާއީދުކުރާ ހުރިހާ ފަރާތްތަކަކުން ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވެގެން ނަމަވެސް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މައުރޫފް ދެއްވި އެވެ.

"އެއީ މަޖިލީހުގެ ތެރެއިން ނަމަވެސް އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ވަރުގަދަ ފަސް މެންބަރުންނާ އެކީގައި އަޅުގަނޑުމެންގެ ތާއީދުއޮތް އަތޮޅުތަކާއި ދާއިރާތަކާ އެކީގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ޓަކައި އަޅުގަނޑުމެން މި ތިބީ އަތުކުރި އޮޅާލައިގެން،" މައުރޫފް ވިދާޅުވި އެވެ.

ވޭތުވެ ދިޔަ ވެރިކަންތަކުގެ ތަރައްގީއާ އަޅާ ބަލާއި އިރު ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީ އައިސްފައި ވަނީ ރޮކެޓް ސްޕީޑްގައި ކަމަށް މައުރޫފް ސިފަކުރެއްވި އެވެ. ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި އެއްވެސް ރައްޔިތަކު ގޯހެއް ނުހެއްދުމަށް މައުރޫފް އިލްތިމާސް ކުރެއްވި އެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ނޫން އެހެން "ޗޮއިސްއެއް" ރައްޔިތުންނަށް ނެތް ކަމަށެވެ.

"މި ތަރައްގީ ދެމިގެން ދާނެ، 2018ގައި ރައީސް ޔާމީން ހޮވުމަށް ފަހު އަޅުގަނޑުމެންގެ ގިޔަރު ހަތަރު ވަނަ ގިޔަރުގައި ދަތުރުކޮށް މުޅި ރާއްޖެ ތަރައްގީކޮށް ނިންމާލާނީ ﷲގެ އިރާދަފުޅާ އެކީގައި،" މައުރޫފް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ފެށުމާ އެކު އިދިކޮޅު ފަރާތްތަކުން "މުސީބާތްތައް" ކުރިމަތިކުރަމުން ދާ ކަމަށާއި ކެނޑިނޭޅި ހަމަލާތައް ވެސް ދެއްވަމުން ގެންދަވާ ކަމަށެވެ.

"ކިތައް ފަހަރުތޯ އެކަމަނާ އާއި އެކަމަނާގެ މުޅި އާއިލާ ދުއްވާލަން މަސައްކަތްކުރީ އިދިކޮޅު ފަރާތްތަކުން. އެހެންވީމާ ރަނގަޅެއް ނޫންތޯ އޭ ދިވެހި ރާއްޖޭގެ އަތޮޅުތަކަށް އެކަމަނާ މި ޓާމް ނިމުމުގެ ކުރިން ވަޑައިގަންނަވާ ކަން،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.