ގާހިރާ (މޭ 5): ސައުދީ އަރަބިއާގެ ނަސާރާ ދީނުގެ ރައްޔިތުން އަޅުކަންކުރުމަށްޓަކައި ފައްޅި އަޅަން އެގައުމުގެ ސަރުކާރާއި ވެޓިކަންއާ ދެމެދު އެއްބަސްވުމެއް ހެދި ކަމަށް ބުނާ ރިޕޯޓުތައް ވެޓިކަންއިން ދޮގުކޮށްފިއެވެ.

މިސްރުގެ އޮންލައިން ނޫހެއް ކަމަށްވާ އިޖިޕްޓް އިންޑިޕެންޑެންޓުގައިވާ ގޮތުން އެއެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ މަހު ކެތޮލިކް ޗާޗުގެ އިސް ފަރާތެއް ކަމަށްވާ ކާޑިނަލް ޖޯން ލުއީ ޓޮރާން ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

ނަމަވެސް ޑެއިލީމެއިލުން ރިޕޯޓުކުރާ ގޮތުގައި ވެޓިކަންގެ ތަރުޖަމާނަކު ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ކާޑިނަލްގެ ދަތުރުފުޅުގައި އޭނާ ވަނީ ސައުދީ އަރަބިއާގެ ޝާހީ އާއިލާއާ ބައްދަލު ކުރައްވައި، އެގައުމުގެ ހުރިހާ ރައްޔިތުންނާ މެދުވެސް ހަމަހަމަކޮށް އަމަލު ކުރުމަށް އެދިވަޑައިގެންފައެވެ.

އަދި އެދަތުރުފުޅާ ބެހޭ ގޮތުން ވެޓިކަން ނިއުސްއާ ވާހަކަ ދައްކަވަމުން ކާޑިނަލް ވަނީ ވެޓިކަންއާއި ސައުދީ އަރަބިއާއާ ދެމެދު އިތުރު މަޝްވަރާތައް ކުރަން އެއްބަސްވުމެއް ހަދާފައިވާ ކަމަށް ވިދާޅުވެފައިއެވެ. ނަމަވެސް އެ އެއްބަސްވުމުގައި ސައުދީގައި ފައްޅި އެޅުމާ ބެހޭ މާއްދާއެއް ހިމެނޭ ކަމަށް ވިދާޅުނުވެއެވެ.