05 May 2018, 20:12
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލަށް ތ. ތިމަރަފުއްޓާއި ށ. ފޯކައިދޫ ދަތުރުކޮށްފިއެވެ.
ތިމަރަފުއްޓާއި ފޯކައިދޫ ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު ސެމީ ފައިނަލްގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.
ގްރޫޕް އެކެއްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ފ. ނިލަންދުއާއި ގްރޫޕް ދޭއްގެ އެއްވަނަ، ށ. ފޯކައިދޫ ކުޅުނު ސެމީ ފައިނަލް މެޗު ނިމުނީ 2-0ގެ ނަތީޖާއަކުން ފޯކައިދޫ މޮޅުވެގެންނެވެ.
ފޯކައިދޫ ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފް 0-0ގެ ނަތީޖާއަކުން ނިމުނުނަމަވެސް، އެ ހާފްގައިވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިފައިވެއެވެ. ހާއްސަކޮށް ފޯކައިދޫ ޓީމުގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ.
ފޯކައިދޫން މެޗުގައި ލީޑު ނެގީ 64 ވަނަ މިނެޓުގައެވެ. އެ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު ފާރިޝް އިބްރާހީމެވެ. އަދި މެޗު ނިމެން ދަނިކޮށް، މެޗުގެ 89 ވަނަ މިނެޓުގައި ފޯކައިދޫން ވަނީ ލީޑު ފުޅާކޮށްފައެވެ. ފޯކައިދޫގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ހުސައިން ނިޝާނެވެ.
ގްރޫޕް ދޭއްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔަ ބ. ފެހެންދުއާއި ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔަ ތ. ތިމަރަފުށި ވާދަކުރި މެޗު ތިމަރަފުށިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.
ފ. ނިލަންދޫ ދަނޑުގައި މިއަދު ކުޅުނު މެޗުގެ 15 ވަނަ މިނެޓުގައި ތިމަރަފުށިން ލީޑު ނެގީ އަހުމަދު ތޯހިރުގެ ގޯލުންނެވެ. އެހެން ނަމަވެސް އެ ގޯލަށް ދެ މިނެޓުވެސް ނުވަނީސް ފެހެންދޫން ނަތީޖާ ހަމަހަމަ ކުރިއެވެ. ފެހެންދުއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާދަމް ނަސީމެވެ.
މެޗުން ތިމަރަފުށި މޮޅުވި ގޯލް، މެޗުގެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ކުއާސީ ޖީންއެވެ.
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކުޅެފައިވަނީ މިދިޔަ އަހަރުގެ ގަދަ ހަތަރަކުން ޖާގަ ހޯދި ޓީމުތަކުގެ ތެރެއިން ދެ ޓީމާއި އަށް ޒޯނުގެ ޗެމްޕިއަނުންނެވެ.
މެޗުތައް ކުޅެފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ފައިނަލް ބުރުގެ ގްރޫޕްތަކުން ސެމީއަށް ދަތުރުކުރި ހަތަރު ޓީމުވެސް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާ އިރު، އެ ހަތަރު ޓީމުގެ އިތުރުން މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ދެން ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަ ޓީމެވެ.
މިދިޔަ އަހަރު ގަދަ ހަތަރަކުން ޖާގަ ހޯދި ޓީމުތަކުގެ ތެރެއިން ދ. ކުޑަހުވަދުއާއި އއ. މާޅޮސްވެސް ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުން ކެޓި އިރު، އަނެއް ދެ ޓީމު މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް އޮންނާނީ މިމަހުގެ 10 ވަނަ ދުވަހު ގައުމީ ފުޓުބޯޅަ ދަނޑުގައެވެ. މިއަހަރު ފައިނަލަށް ދަތުރުކުރި ތިމަރަފުއްޓަކީ 2016 ވަނަ އަހަރުގެ ރަނަރަޕް ޓީމެވެ. ފޯކައިދޫ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ފަހަރަށެވެ.
މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އުފުލާލީ ދ. ކުޑަހުވަދުއެވެ.