05 May 2018, 19:42
މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކަންކަން އިންތިޒާމް ކުރުމަށް ފަސް މެންބަރުންގެ ކޮމެޓީއެއް އެކުލަވާލައިފިއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ރިޔާސީ ޕްރައިމަރީގެ ކަންކަން އިންތިޒާމް ކުރުމަށް ފަސް މެންބަރުންގެ ކޮމެޓީއެއް އެކުލަވާލަން ޖެހެއެވެ. އަދި އެ ކޮމެޓީ އެކުލަވާލަން ޖެހެނީ ގައުމީ މަޖިލީހުން ކަމަށް ވެސް އަސާސީ ގަވާއިދުގައި ބުނެއެވެ.
ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ރިޔާސީ ޕްރިއިމަރީގެ ކަންކަން އިންތިޒާމް ކުރުމަށް ނެގި ފަސް މެންބަރުންގެ ކޮމެޓީގައި އޭނާގެ އިތުރުން ދެން ހިިމެނިވަޑައިގަންނަވަނީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު އާއި ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމް އަދި އިންތިޚާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ކަމަށެވެ.
އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށް ނިންމީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ. ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުޅުވާލަން ނިންމާފައިވަނީ މިމަހުގެ 15 ވަަނަ ދުވަހުއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚު އިއުލާން ކޮށްފައިވާއިރު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ފިޔަވައި އިތުރު ބޭފުޅަކު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އަދި ހާމަކޮށްފައެއް ނުވެއެވެ.