އައްޑޫ ސިޓީ ވަކި ދައުލަތަކަށް ހެދުމާ ބެހޭ މަޝްވަރާތަކެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އައްޑޫ ރައްޔިތުންތަކެއް ކުރައްވައި އޯޑިއޯއެއް ލީކުވެއްޖެއެވެ.

އޯޑިއޯގައި ވާ ގޮތުން އައްޑު އަތޮޅަކީ ވަކި ދައުލަތެއް ގޮތުގައި ހަދަން ރައީސް ނަޝީދާ އެކު މަޝްވަރާ ކުރެއްވީ އައްޑޫ ސިޓީގެ ކައުންސިލަރުން ތަކެކެވެ. އެނގިފައިވާ ގޮތުން އެ ވާހަކަތަކަކީ މިއަހަރުގެ ކުރީ ކޮޅު ކޮލަމްބޯގައި ރައީސް ނަޝީދު ހުންނަވައި ދެއްކެވި ވާހަކަތަކެކެވެ.

ދިވެހި ދައުލަތުން ވަކިވެ، ވަކި ދައުލަތެއް ހަދަން ހިނގާށޭ އައްޑޫ ރައްޔިތަކު ބުނުމުން ރައީސް ނަޝީދު ވިދާޅުވީ "ހަތިޔާރު ނެތިއްޔާ ވަތްކެތް ނުވެވޭނެ" ކަމަށެވެ.

ނަމަވެސް އައްޑޫ ވަރުގެ އާބާދީއެއް ވަކި ދައުލަތެއް ހަދައިގެން އުޅޭ ބްރިޓިޝް ވާޖިން އައިލެންޑްސްގެ ޓޯޓޮލާ މިސާލެއްގެ ގޮތުގައި ނަޝީދު ނަންގަވައި އެވާހަކަފުޅު ވަނީ ދައްކަވައިފައެވެ.

" އަޅުގަނޑު ޓޯޓޮލާއަށް ދިޔައިން. ބްރިޓިޝް ވާޖިން އައިލެންޑްސް ކެރީބިއަންގައި. ހަމަ އައްޑޫވަރުގެ އަތޮޅެއް އެއަށްވުރެ މީހުންވެސް މަދު. ހަމަ ގާތް ގަނޑަކަށް އެހާކަންވަރު. 32،000 މީހުން އައްޑޫގައި އެބައުޅޭ ދެއްތޯ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ އައްޑޫ ބެރެކްސްގައި ތިބި ސިފައިން ތިބީ ކިހިނެއްތޯ އައްސަވައިފައެވެ. އެހިސާބުން އައްޑޫ މީހަކު ބުނަނީ ފުވައްމުލަކުގައި ތިބި ސިފައިންވެސް ހިމެނޭ ގޮތަށް ޖެއްސިދާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ "އައްޑޫ މުޒާހަރާ މާ ނަތީޖާ ނުކުންނާނެ" ކަމަށް ހީފުޅުވާ ކަމަށެވެ.

އެފަދަ އޯޑިއޯއެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމެއް ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.